ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ޕީޕީއެމްގެ ފައުންޑަރުންނަށް އެޕާޓީ އަނބުރާ ހޯއްދަވައި ދެއްވާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޓޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބްރާހީމް މުހައްމަދު ސޯލިހް މިކަމަށް ވައުދުވެވަޑައިގެންނެވީ އެމަނިކުފާނު ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫއަށް ބުރާސްފަތި ދުވަހު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޕީޕީއެމް އުފެއްދި ފައުންޑަރުންނަށް އެޕާޓީ އަނބުރާ ހޯއްދަވާ ދެއްވުމަށްފަހު އެމަނިކުފާނުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ޕީޕީއެމް އޮންނާނެ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނަކީ ހަމައެކަނި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އެހެންކަމުން އިބޫ ވަނީ އެމަނިކުފާނަށް ހުރިހާ ބޭފުޅުން ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.
"ދަންނަވަންތޯ ރާއްޖޭގައި އަނިޔާވެރިކަން ފެތުރިފައި އޮތްވަރު. ހުދުމުހުތާރު ވެރިކަން ފެތުރިފައި އޮތްވަރު. މަލްޓިޕާޓީ ސިޔާސީ ނިޒާމު ރާއްޖެއަށް ގެނެސްދީ ސިޔާސީ ފިކުރު އެމީހަކު ހުރި ގޮތަށް ބޭނުންވާ ގޮތަށް ފާޅުކުރުމުގެ ފުރުސަތު ދެއްވާފައި އޮއްވާ މިވަގުތު ޕީޕީއެމްއަށް ވެފައި އޮތްގޮތް. ކޮބައިތޯ ޕީޕީއެމްގެ ރައީސް. ކޮބައިތޯ ޕީޕީއެމްގެ ހިންގާ ކޮމިޓީ. ކޮބައިތޯ ފައުންޑަރުން. މިވަގުތަކު ނެތް. އަޅުގަނޑު ވަރަށް ސާފުކޮށް ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް މިއަދު މިދަންނަވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ޕީޕީއެމް، ޕީޕީއެމްގެ އަސްލު ފަރާތްތަކާއި، ފައުންޑަރުންނާއި، ރައީސާ އަޅުގަނޑުމެން ހަވާލުކުރާނަން،" ޕީޕީއެމް މެންބަރުންނަށް އަމާޒުކުރައްވާ އިބޫ ވިދާޅުވި އެވެ.
ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު އަމުރެއް ނެރުމަށްފަހު އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކޮށްފަ އެވެ.
މިއަމުރާ ގުޅިގެން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ނިންމާފަ އެވެ. ނަމަވެސް މިބައްދަލުވުމުގައި ޕީޕީއެމްގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ކައުންސިލްގައި ތިއްބެވި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އެޕާޓީ ހިންގުމުގައި ޕާޓީގެ މުސްތަޝާރަކީ އެއްވެސް ބާރެއް ނެތް ރަމްޒީ މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ.