އަންނަ ހޮނިހިރު ދުވަހަށް ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކުރަން ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހަވީރު 4 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެން ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކުރަން ނިންމައި އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ.
އެމްޑީޕީއަށް ހޮނިހިރު ދުވަހަށް ކާނިވާ ސަރަހައްދު ދޫކޮށްފައި މިވަނީ ކެމްޕެއިން ހަރަކާތްތަކަށް ހަ ދުވަހަކަށް އާޓިފިޝަލް ބީޗް ދޫކޮށްދިނުމަށް އެދިފައިވަނިކޮށެވެ.
އެމްޑީޕީން އެދިފައިވަނީ މިމަހުގެ 13 އިން 15 އަށް އަދި 20 އިން 22 އަށް އާޓިފިޝަލް ބީޗް އެޕާޓީއަށް ދޫކޮށް ދިނުމަށެވެ. ނަމަވެސް ފަޒާލް ވިދާޅުވި ގޮތުގައި، ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، އެ ތަން އެއްވެސް ހަރަކާތަކަށް ދޫނުކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ގުޅިފައިވާ ޕާޓީތަކުން މިދިޔަ ހޮނިހިރު ދުވަހުގެރޭވެސް ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެއީ ކާނިވާ ސަރަހައްދަށް ޖަލްސާއަކަށް އެންމެ ގިނަ މީހުން މިހާތަނަށް އެއްވި ޖަލްސާއެވެ.