އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހުޅުވާލައިފި އެވެ.
އެމްއައިޓީޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ހުށަހަޅާ ބިޑްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ 01 އޮކްޓޯބަރ 2018 ގައެވެ. އަދި ބިޑް އިވެލުއޭޓްކުރުން އޮންނާނީ 02 އޮކްޓޯބަރ އިން 04 އޮކްޓޯބަރ 2018 އާއި ހަމައަށް ކަމަށްވެސް އެމްއައިޓީޑީސީ އިން ބުނެއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފާރާތްތަކަށް 17 ސެޕްޓެމްބަރ 2018 އިން ފެށިގެން 27 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް އެ ކޯޕަރޭޝަނުންނާއި އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑްފޮތް ލިބެން ހުންނާނެކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ. ބިޑް ހުށައަޅަންޖެހެނީ ސިޓީ އުރައެއްގައެވެ.
އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ބިޑްތައް ހުޅުވާނެ ތަން ބިޑް ބަލައިގަންނަ ފަރާތްތަކަށް އެ ކޯޕަރޭޝަނުން އަންގާނެ ކަމަށް ވެސް އެމްއައިޓީޑީސީ އިން ބުނެއެވެ.