ދޮރުން ދޮރަށް ހިންގާ ކެމްޕެއިންގެ ނަތީޖާއަށް ބަލާއިރު ފަސޭހަކަމާ އެކު އިބްރާހީމް މުހައްމަދު ސޯލިހަށް އިންތިޚާބު ކާމިޔާބު ވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ހަމަނުޖެހުން ހިންގައިގެން ވޯޓުލުން ނުބާއްވައި ދައުރު ދިގު ދަންމާލަން ކަމަށް ގުޅިފައިވާ ޕާޓީތަކުން ތުހުމަތުކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބުރާސްފަތިދުވަހު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ބަޔަކު ހަމަނުޖެހުންތަކެއް ހިންގާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނާ ބުނުމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ނަމަ އެކަމުގެ ތަފުސީލު ފުލުހުން ހާމަކުރަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު ބާއްވަނީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ކަމަށާއި އެހެންކަމުން މިފަދަ ކަމެއް ހިންގަން ބަޔަކު އުޅޭ ނަމަ އެއީ ކޮން ބައެއްކަން ފުލުހުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް 170،000 ވޯޓު މިހާރު ވެސް ކަށަވަރު ކުރެވިފައިވާ ކަމަށާއި އަދި މިހާތަނަށް ވެސް އިއްތިހާދަކުން ނުކުމެ ބަލިވެފައި ނެތުމުން މޮޅުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު ޝައުގެއް އޮތީ އިންތިޚާބު އަމާންކަމާއި އޮމާންކަމާ އެކު ނިންމާލުމަށް ކަމަށާއި ހަމަނުޖެހުމަކަށް ދިޔުމަށް ބޭނުންނުވާ ކަމަށެވެ. އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ހިންގުން ފަދަ ކަންކަން ކުރަނީ ބަލިވާ މީހުން ނުވަތަ ބަލިވާނެ ކަމަށް ހީކުރާ މީހުން ކަމަށާއި މިފަދަ ވާހަކަތައް ދައްކަމުންދަނީ ރައީސް ޔާމީން ބަލިވާނެކަން އެގޭތީ ކަމަށެވެ. އަދި އިންތިޚާބު ނުބާއްވައި ދައުރު ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް މާރިޔާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފި އަޅުގަނޑުމެން ނުކުތްއިރު ޓާގެޓްކުރި އަދަދަށް ވޯޓް. އެއީ 170000 ވޯޓް. އަޅުގަނޑުމެން މިދަނީ ބޮޑުކޮށް މޮޅުވާންކަން އެޔަޤީންކަން އޮއްވައި، އަޅުގަނޑުމެންގެ އެންމެބޮޑު ޝައުގުވެރިކަމެއް ހުންނާނީ އަމާންކަމާއެކީގައި އޮމާންކަމާއެކީގައި މިއިންތިޚާބު ކުރިއަށް ގެންގޮސް އިންތިޚާބު އެއޮންނަ ގޮތައް ނިންމުން. އަޅުގަނޑުމެންގެ އިންޓަރެސްޓްގައި ހުންނަ ކަމެއް ނޫން އެދުވަހު ހަމަނުޖެހުން ހިންގުން. ހަމަނަުޖެހުން ހިންގައިގެން ވޯޓު ހުއްޓުވަން އުޅޭނީ ބަލިވާ ބައެއް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ފުލުހުން އެވާހަކަތައް ދެއްކުން ރަށު ތެރޭގައި ތަފާތު ވާހަކަތައް ދެކެވޭ ކަމަށާއި އެކަމާ ގުޅިގެން ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އިންތިޚާބު ހުއްޓުވައި ދިގު ދަންމާލުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ވެސް ރައްޔިތުން ކުރަމުންދާ ކަމަށެވެ.
"ފުލުހުންގެ މިވާހަކައާ ގުޅިގެން ރަށުތެރޭގައި ތަފާތު ވާހަކަތައް އެބަދެކެވޭ. ވޯޓު ކެންސަލްކޮށް ވެރިކަމުގެ ދައުރު ދަންމާލަން އުޅޭ ވާހަކަ އާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްފައި ހުޅުވާފައި މިހާރު އޮތީ ވެސް ހަމަނުޖެހުން ހިންގައި ރައީސް ޔާމީން ދައުރު ދަންމާލުމަށް ކަމަށް. މިކަންކަން ނުކުރުމަށް އަޅުގަނޑުމެން ރައީސް ޔާމީނަށް ދަންނަވަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ފުލުހުން އެވާހަތައް ރަންގަޅަށް ހިއްސާ ކުރެއްވުމަށް އެދިލައްވާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ވެސް އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ވެސް ފުލުހުން އެވާހަކަތައް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ފުލުހުން މި ހަމަނުޖެހުމުގެ ވާހަކަ މީޑިއާގައި ދެއްކެވުމާގުޅިގެން އާއްމުންގެ ތެރޭގައި ވަރަށް ބައިވަރު ވާހަކަތައް އެބަދެއްކޭ. އޭގެ ތެރޭގައި އެކިގޮތްގޮތައް ވިއަސްހަމަނުޖެހުން ހިންގައި އެދުވަހުގެ ވޯޓް ކެންސަލްކޮށް ދައުރު ދަންމާލަން އުޅޭ ވާހަކަ ޢާއްމުކޮށް ރަށުތެރޭގައި މި ދެއްކެމުން މިދަނީ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އިންތިޚާބު ނުބާއްވައިފި ނަމަ އެއީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އިހުމާލަކަށް ވާނެ ކަމަށާއި އަދި ހަމަނުޖެހުމުގެ ވާހަކަ ތަފުސީލުކޮށް ރައްޔިތުންނަށް ސާފުކޮށްނުދީ އިންތިޚާބު ތެރޭ އެފަދަ ކަމެއް ހިނގައިފި ނަމަ ފުލުހުން ވެސް އެކަމާ ޒިންމާވާންޖެހޭނެ ކަމަށެވެ.
ވޯޓުން ބަލިވިޔަސް ހުވާކުރައްވާނީ ރައީސް ޔާމީން ކަމަށް ބުނާ ވާހަކައާއި އިންތިޚާބު ގަޑުބަޑުކުރުމަށް ކުރާ ކަންކަމާ މެދު މާޔޫސްނުވެ ހެނދުނު ހެނދުނާ ވޯޓުލާން ނުކުތުމަށް މާރިޔާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މާރިޔާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި ނޮވެމްބަރު 17 އަށްފަހު ރައީސް ޔާމީނަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށެވެ.