ސައިކަލެއްގައި ދިޔަ މީހެއްގެ އަތްދަބަސް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެމީހާ ހައްޔަރުކޮށްފައިވާ އިރު އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަންހެނަކު ސައިކަލެއްގައި ދަނިކޮށް އޭނާގެ އަތްދަބަސް ފޭރިގަތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ. އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފަހަތުން އައި ސައިކަލަކުން އަންހެން މީހާ ދުއްވަން އިން ސައިކަލްގެ ކުރިމައްޗަށް ހުއްޓުމަށް ފަހު އެ ސައިކަލުގު ފަހަތު އިން މީހާ ގޮސް އަންހެން މީހާގެ އަތްދަބަސް ޖަހައިގަންނަ މަންޒަރު ފެނެއެވެ. ދެ މީހަކު ދުއްވާފައި ދިޔަ ސައިކަލުން އަތްދަބަސް ޖަހައިގަނެ ފިލައިގެންދާއިރު އެ ސަރަހައްދުގައި އެހެން މީހުން ވެސް އެ މަންޒަރު ބަލަން ތިއްބެވެ.
މާލޭގައި މިހާރަކަށް އައިސް ފޭރުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.