ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން މިހާރު "ބޯގޮވާފައިވާ" ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު، އަދީބަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ނެރުއްވި ބަޔާނަކަށް ރައްދު ދެއްވަމުން މެންބަރު ހުސައިން ވިދާޅުވީ އަދީބު ނެރުއްވި ބަޔާނުގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދީބު ނެރުއްވި ބަޔާނުގައިވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީނު ގެންގުޅުއްވި ހާމުދުރަކު ދޭ އިރުޝާދުތައް ތަންފީޒުކުރަން ހަވާލުކުރީ މެންބަރު ހުސައިންއާއެވެ.
މީގެ އިތުރުން، ރައީސް ޔާމީނުގެ ހަށިރައްކަލަށާއި ކުރިއެރުމަށް ހާމުދުރުދޭ ފެންފުޅިތައް އެމަނިކުފާނުގެ އިސްތަށިފުޅަށް އަޅުއްވައި، ތެޔޮ ފުޅިން ރައީސް ޔާމީނުގެ ގައި ކޮޅުގައި ތެޔޮ ވަށައިދެނީ މެންބަރު ހުސައިން ކަމަށް އެ ބަޔާނުގައިވެއެވެ.
ހުސައިން ވިދާޅުވީ އަދީބު އުޅުއްވަނީ ސިޔާސީ ގޮތުން ދައްކަވާނެ ވާހަކަ ހުސްވެގެން ކަމަށާއި މިހާރު ފައްޓަވާފައި އެވަނީ މީހުންގެ އަބުރު ކަތިލެއްވުމުގެ މަސައްކަތް ކަމަށެވެ.
"މީހުންގެ އަބުރު ކަތިލައި ބުހުތާނު ދޮގު ހެދުން ސަގާފަތަކަށް ހަދައިފި" ހުސައިން ވިދާޅުވިއެވެ.
ރައީސް ޔާމީނާ ގުޅޭގޮތުން ބަޔާނުގައި ހުރި ވާހަކަތަކަށް އެމަނިކުފާނުގެ ބަސް ހޯދުމަށް ތަރުޖަމާނަށް ގުޅުމުން ފޯނު ނުނަންގަވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.