ފުލުހުންގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އަތުންގުނާލެވޭހާ ބަޔަކު ހަމަނުޖެހުންތަކަށް ހިތްވަރުލިބޭގޮތަށް ވާހަކަދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ބަޔަކު ހުރަސް އަޅަން ނުރައްކާތެރި ހަމަނުޖެހުން ހިންގަން އުޅޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މަހުލޫފް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ފުލުހުން މަދު ވެރިންތަކެއް އަމަލުކުރަމުންދާކަމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.
ފުލުހުންގެ މަދު ވެރިންތަކެއްގެ ސަލާމަތާއި، ޒާތީ މަސްލަހަތަށްޓަކައި ހުރިހާ ފުލުހުންގެ އަގުވެއްޓޭގޮތަށް އަދި ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް އަމަލުނުކުރުމަށްވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.
"މިދެންނެވި ހުރިހާ ފުލުހުންނާއި ސިފައިނަށް ބިރެއްގޮތަށް ދެއްކުމަށް ތިޔަކުރާބޭކާރު މަސައްކަތްވަގުތުން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން، ދެންއުފެދޭ ވެރިކަމެއްގައި އެންމެ ފުލުހެއްގެ އަދި އެންމެ ސިފައިގެ މީހެއްގެވެސް ވަޒީފާ ބޭއިންސާފުން ގެއްލިގެން ނުދާނެކަމުގެ ޔަޤީކަން އަޅުގަނޑު އެންމެހާ ފުލުހުންނާއި ސިފައިނަށް އަރުވަން" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ މަދު ފުލުހުންގެ ވެރިންގެ ބައިވެރިވުމާއެކު މިރިޔާސީ އިންތިޚާބު ގަޑުބަޑުކޮށްލަން ރާވާ ރޭވުންތަކަށް ފާރަވެރިވެތިބުމަށް އެންމެހާ ފުލުހުންނާއި ސިފައިނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެފަރާތްތަކުގެ އެއްވެސް ގައިރުޤާނޫނީ އޯޑަރަކަށް ތަބާނުވުމަށް މަހުލޫފް އެދިވަޑައިގަތެވެ.
”ފުލުހުންނަށް އިންޓެލިޖެންސް މަޢުލޫމާތު މިހާކުރިން ލިބިފައިވާއިރު ކުރިއާލާ އެކަމަށްފިޔަވަޅުއަޅާ އަދި ސިފައިންގެ އެހީތެރިކަން ބޭނުންވާނަމަ އެކަންވެސްކޮށް ރައްޔިތުންނަށް މިނިވަންކަމާއެކު އަމާންމާހައުލެއްގައި ވޯޓުލާ ވޯޓުގެ ނަތީޖާ ލިބޭނެގޮތަށް ސަލާމަތީކަންކަން ފުރިހަމަކޮށްދެއްވުން" މަހުލޫފް ވިދާޅުވިއެވެ.
މިރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވާނެކަން ޔަޤީން ކުރެވޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ހަމަނުޖެހުމެއް ހިންގުމަކީ ވަރަށްގާތް ކަމެއްކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވޭ ކަމަށްވެސް މަހުލޫފްވަނީ ވިދާޅުވެފައެވެ.
"މިރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވާނެކަން ޔަޤީން ކުރެވޭއިރު، މިފަދަކަމެއް ހިންގުމަކީ ވަރަށްގާތް ކަމެއްކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވޭހިނދު، ފުލުހުންނަށް ތިޔަލިބިފައިވާ އިންޓެލިޖެންސް އަދި ތަހުގީގުގެ މަޢުލޫމާތަށްބަލާ އެފަދަ ކަމެއް މެދުވެރި ނުވާނެގޮތަށް ވޯޓު ލާދުވަހު އަދި ވޯޓު ގުނާ ނަތީޖާ އިޢުލާން ކުރުމަށްފަހުވެސް އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުލިބޭނެގޮތަށް، ރައްޔިތުންގެ މެދުގައި އަދި އެއްވެސް ޕާޓީ އެއްގެމެދުގައި ތަފާތުކުރުމެއްނެތި ސެކިއުރިޓީގެ ހުރިހާކަމެއް ފުރިހަމަ ކުރުމަށް އަޅުގަނޑުގޮވާލަން" މަހުލޫފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ