ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީ އާއި ހަމައަށް ރާއްޖެއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފޯރުކޮށްދިނުމަށްފަހު، އިތުރަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ރާއްޖެއިން ބޭރަށް ގޮސް އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް މި ލޯން ސްކީމުން މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މި ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނަކީ އިންޓްރެސްޓް ކުޑަ، ލުއިފަސޭހަ ކަމާއިއެކު ދައްކައި ނިންމޭ ފަދަ ލޯނަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"ފުރަތަމަ ޑިގްރީ އާ ހަމައަށް ރާއްޖޭގަ ތިބެގެން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ލިބިގެންދާނެ. ރާއްޖެއިން ބޭރުގާ ކިޔަވަން ބެނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ، ލޯން ސްކީމެއްގެ ދަށުން ލޯން ލިބި، އެކުއްޖަކު ބޭނުންވާ ޤައުމެއްގާ، އެކުއްޖަކު ބޭނުންވާ ޔުނިވަރސިޓީއެއްގާ، ތައުޅިމު ހާސިލްކުރުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށް ލިބިގެންދާނެ. އަދި އެ ލޮނު އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެންގެ ވެރިކަމުގާ ހަމަޖެހިގެންދާނެ. އަދި މިހާރު އަމިއްލަ ގޮތުން ލޯނު ނޫނީ އަމިއްލަ ޚަރަދުގާ ރާއްޖެއިން ބެރުގާ ކިޔަވަމުންދާ ކުދިންނަށް، އަޅުގަނޑު މި ދެންނެވި ސްކީމުގާ ބައިވެރިވުމުގެ ފުރުބަތު ލިބިގެންދާނެ"، އިބޫ ވިދާޅުވިއެވެ.
ސާނަވީ މަރުހަލާގައި މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް، ޚާއްސަކޮށް އެއްވަނަ ހޯދާ ދަރިވަރުންނަށް، އެކުދިން ބޭނުންވާ ދުނިޔޭގެ މަޝްހޫރު، ބޮޑެތި ޔުނިވަރސިޓީތަކަށް ދިއުމުގެ ފުރުޞަތު ހަނިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކުދިން ބޭނުން ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުޞަތު ދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ޕްރެސިޑެންޝަލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ޖީސީއީ އޭލެވެލްއިން އެއްވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް، އެކުއްޖަކު އިޚްތިޔާރުކުރާ ތަނަކުން ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެ. އަދި ކަނޑައެޅޭ މިންގަނޑަކަށްވުރެ މަތިން ފުރަތަމަ ޑިގްރީއަށް ވަނަ ހޯދާ ފަރާތްތަކަށް މާސްޓަރޒްއަށް ކިޔެވުމަށް ސްކޮލަރޝިޕް ދެވޭނެ" އިބޫ ވިދާޅުވީއެވެ.
އިބޫ ވިދާޅުވީ، ޤައުމަށް ފަންނުވެރިން ބޭނުންވާ މުހިއްމު އެކި ދާއިރާތަކުން، މާސްޓަރޒް އާއި ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް ހުޅުވާލައްވާނެ ކަމަށެވެ.
ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަލިއަޅުވަލައްވާ އިބޫ ވިދާޅުވީ އަލަށް އެކުލަވާލި ޤައުމީ މަންހަޖަށް މުދައްރިސުން ތަމްރީނުވެފައި ނެތުމަކީ މިއަދު އެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. އަދި ޤައުމީ މަންހަޖު އިތުރަށް މުރާޖަޢާ ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މުދައްރިސުންނަށް މިހާރު ލިބޭ މުސާރައަކީ މުދައްރިސުން ކުރާ މަސައްކަތާ އަޅާ ބަލާއިރު އެކަށޭނަ މުސާރައެއް ނޫންކަން ފާހަގަކުރައްވާ، ގުޅިފައިވާ ކޯލިޝަންގެ ސަރުކާރެއްގައި މުދައްރިސުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް އިބޫ ވަޢުދުވެވަޑައިގެންނެވިއެވެ.
ތައުލީމަކީ އާބާދީއަށް ބެލުމެއް ނެތި އެންމެހާ ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ކަމަކަށް ވާއިރު، ސަރަޙައްދީ ދަނާލުތަކާއި، ސަރަޙައްދީ ބޯޑިން ސްކޫލްތައް ޤާއިމް ކުރައްވާނެކަމަށް އިބު ވިދާޅުވިއެވެ. އަދި ގްރޭޑް ދިހަޔަކަށްވުރެ މައްޗަށް ކިޔެވެން ނެތް ރަށްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަތޮޅުތަކުގައި ޖޫނިއާ ކޮލެޖްތައް ޤާއިމް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި އިބޫގެ ތަޢުލީމީ ސިޔާސަތުތައް ހާމަކުރެއްވިއިރު، ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ތަޢުލީމީ ސިޔާސަތު އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.