އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފްއާއި ގުޅިގެން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ކުޑަކުދިންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހިޔާލު ހޯދުމުގެ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ބިލުގައި ހިމެނޭ ކަންކަމަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއި، ބިލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުޑަކުދިންގެ ޚިޔާލު ހޯދުމާއި، ކުޑަކުދިންގެ ނަޒަރުގައި ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި ލިބެން ހުރި ފުރުސަތުތައް ދެނެގަތުމެވެ. ހިޔާލު ހޯދުމުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބިލްގެ ތިން ބަޔަކަށް އިސްކަންދީގެންނެވެ. އެއީ، ހައްޤުތަކާއި މިނިވަންކަން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމް އަދި ތަންފީޒް ކުރުން، މި ތިންބައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ކުޑަކުދިން ބިލާމެދު ވާހަކަ ދައްކަމުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ހަނގާކުރުން ފަދަ ކަންކަން ހުއްޓުވުމަށް ބާރު އަޅާނެކަންކަން ހިމެނުމާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންފަދަ ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް މި ބިލުގައި މިހާރަށްވުރެ ބޮޑަށް ފޯކަސް ކުރުން މުހިއްމުކަމަށް ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލެއް އެކުލަވާލުމުގައި އެންމެ އިސްކަންދޭ ފަރާތަކީ ކުޑަކުދިންނަށްވާތީ، ބިލުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކުޑަކުދިންގެ ބައިވެރިވުން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އާކްއިން ބުނެފައިވެއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާގެ 12 ވަނަ މާއްދާއިން "ކުޑަކުދިންނާއި ގުޅުން ހުރި ހުރިހާ ކަމެއްގައި، އެކުދިންގެ އަޑު މިނިވަންކަމާއެކު އުފުލުމުގެ" ހައްޤު ކަށަވަރުކޮށްދީފައިވެއެވެ. މިހެންވެ، ކުޑަކުދިންނާއި ސީދާގޮތުން އަސަރުކުރާ ކަންކަމުގައި، އިޖުތިމާޢީ އަދި ޤާނޫނީ އުސޫލުތައްވެސް ހިމެނޭގޮތުން، ގޮތް ނިންމުމަށް ކުޑަކުދިންގެ ބައިވެރިވުން ހޯދުމަށް އެހީތެރިވުމަކީ ކުޑަކުދިންނަށް ވަރަށް މުހިންމު ކަމެއްކަމުގައި އާކުން ދެކެއެވެ.
މި ބައްދަލުވުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް އާކްއާއި ޔުނިސެފުން 30 ޖުލައި 2018 ގައި ފަރާތުން ބޭއްވި ބައްދަލުވުމާއި ގުޅިގެން ބޭއްވިގެން ދިޔަ ބައްދަލުވުމެކެވެ. މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި މި ބިލަށް ގެންނަން ފެންނަ އިސްލާހުތައް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވެއެވެ.
ކުޑަކުދިންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ހުށަހެޅިގެން ދިޔަ ހިޔާލުތައް މަދަނީ ޖަމިއްޔާތަކުން ހުށަހެޅި ހިޔާލުތަކާއިއެކު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށް އާކުން ބުނެއެވެ.