އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކޮށްފި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފަޒާދުގެ މައްސަލަ ބެލުމަށްފަހު، އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލަ ރައްދުވާ ފަރާތަށް ދިފާއުވުމަށް ދެ މެމްބަރަކު އައްޔަނުކުރުމަށް ދިން ފުރުސަތުގެ ބޭނުން ހިއްޕަވާފައިނުވާ ކަމަށެވެ. އަދި ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގެންނެވުމަށް ދެއްވި ފުރުސަތުގެ ބޭނުންވެސް ފަޒާދު ހިތްޕަވާފައިނުވާކަމަށެވެ.
ސުލޫކީ މައްސަލަ ބެލިއިރު ކޮމެޓީއަށް ފާހަގަކުރެވުނު ކަންތައްތައް ކަމަށް ސިޓީގައި ހިމަނާފައިވާއިރު، ފަހަކަށް އައިސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ފަޒާދު ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އަދި ޕާޓީން އަންގާ އެންގުންތަކާއި، ޕާޓީން އެދޭ ކަންކަމުގައި ޕާޓީއަށް އެއްބާރުލުންދެމުން ނުގެންދާކަމަށާއި، ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރެވިިފައިވާކަމަށް ސުލޫކީ ކޮމެޓީގެ ނިންމުމުގައި ބުނެފައިވެއެވެ.
އޭގެއިތުރުން ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން އަންގާ އެންގުންތަކާއި އެއްގޮތަށް ފަޒާދު އަމަލުކުރައްވަމުން ނުގެންދަވާ ކަމަށާއި، ޕާޓީގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ހިލާފަށް ފަޒާދު އަމަލުކުރައްވަމުންގެންދަވާކަމަށް އެ ނިންމުމުގައި ބުނެފައިވެއެވެ. އަދި ޕާޓީއަށް ގެއްލުންވާގޮތަށް ފަޒާދު ތަކުރާރުކޮށް އަމަލުކުރައްވަމުންގެންދަވާކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ އެ ނިންމުމުގައި ބުނެފައިވެއެވެ.
ފަޒާދު، ޕީޕީއެމުން ވަކިކުރުމާއެކު އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އެވެ. ސަރުކާރުން ފާސްކުރި، އެންޓި ޑިފެކްޝަން ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރަކު ޕާޓީން ވަކިވެއްޖެކަމަށްވަނީނަމަ، އަދި ޕާޓީއަކުން ވަކިކޮށްފިކަމަށްވަނީނަމަ އެ މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އެވެ.
ފަޒާދު ޕީޕީއެމުން ވަކިކުރިިއިރު، އޭނާ މިވަގުތުވެސް އުޅުއްވަމުންގެންދަވަނީ އިދިކޮޅު ކެމްޕޭންގައި ހއ. އަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއެކު ވަޑައިގެންނެވެ.