ކަލްޗަރަލް އެންޑް ހެރިޓޭޗް މިނިސްޓްރީ އުފައްދަވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނުގެ ތާރީހީ ބިނާތައް ހިމެނޭ ހއ. އުތީމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އިބޫ ވިދާޅުވީ ކަލްޗަރަލް އެންޑް ހެރިޓޭޖް މިނިސްޓްރީން ރާއްޖޭގެ ތާރީހީ ބިނާތައް ރައްކާތެރިކޮށް ބަލަހައްޓާނެ ކަމަށެވެ.
އުތީމުގައި ހުރި ބޮޑުތަކުރުފާނުގެ ގަނޑުވަރުން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅަށް އެމަނިކުފާނުގެ ސަރުކާރު ބަލަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތާރީހީ ބިނާތައް ބެލެހެއްޓުމަކީ ދައުލަތުގެ ބަޖެޓްގައި ވަކިން އެކަމަށް ފައިސާ ކަނޑައަޅައިގެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރަށުގެ ބިންތައް އެރަށަކަށް ދޫކޮށްލާނެ ކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބޮޑުތަކުރުފާނު ގަނޑުވަރަށް ވަންނަ މީހުންގެ އަތުން ނެގޭ ފީ އަކީ ވެސް ރަށު ކައުންސިލްގެ ބަޖެޓަށް ވަންނަން ޖެހޭނެ ފައިސާ ކަމަށެވެ. އަދި އުތީމަކީ ކަލްޗްރަލް ޓޫރިޒަމް ހިންގިދާނެ ތަނެއް ކަމަށާއި ރަށުގައި އެ ވިޔަފާރި ފުޅާކުރުމަށް ސިޓީ ހޮޓާ އެޅުމުގެ ކަންކަން ވެސް ކައުންސިލަށް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ.