މި ސަރުކާރުން ހިންގި އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުތަކަކީ ރަށްރަށުގައި ފުޓްސަލް ދަނޑު އެޅުން ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅިވެއްޖެއެވެ.
ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އިބޫ ވިދާޅުވީ މިސަރުކާރުން ހިންގި "އެންމެ ބޮޑު ބިޔަ މަޝްރޫއުއަކީ" ފުޓްސަލް ދަނޑު އެޅުން ކަމަށާއި އެހެން ނަމަވެސް އެކަން ތަކަންދޫގައި ނުވި ކަމަށެވެ. އެ މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ހުރިހާ ރަށެއްގައި ފުޓުސަލް ދަނޑުއަޅާނެ ކަމަށް ބެލެވުނު ކަމަށާއި ނަމަވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ.
ފުޓުސަލް ދަނޑު އެޅުމަކީ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން މަސައްކަތްކުރި ރަށްރަށުގެ އަސާސީ ހިދުމަތްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. މި ސަރުކާރުން ނަރުދަމާ އާއި ބޯފެނާއި އަސާސީ ހިދުމަތްތައް އެއީ މާ އިސްކަންދޭ ކަމެއް ނޫން ކަމަށް ވިއަސް އެމަނިކުފާނުގެ ސަރުކާރުން ހުރިހާ ރަށެއްގައި އެ ހިދުމަތްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެކަން ކޮށްދެއްވާނީ އަސާސީ ހިދުމަތްތަކަކީ ވައުދަކަށް ވުރެ ބޮޑަށް އެއީ ކޮންމެހެން ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކިގެން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ތަކަންދޫގައި ގިނަ އަދަދެއްގެ މީހުން އެރަށުން ބޭރުގައި ދިރިއުޅެމުންދާކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެހެން ވާންޖެހެނީ ރަށުގައި ތިބެ އާމްދަނީ ހޯދޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ހއ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ރަށުގައި ތިބެ ވަޒީފާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
ސަރުކާރުން ކުދި ވިޔަފާރީތައް ޖޫރިމަނާ ކުރަމުންދަނީ އެ ވިޔަފާރީތައް ހިންގަން އުނދަގޫވާ ވަރަށް ކަމަށާއި އެހެން ނަމަވެސް އެގޮތަށް ކޮށްފައި ހުރި ޖޫރިމަނާތައް އެމަނިކުފާނުގެ ވެރިކަމެއްގައި މާފުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް ނުދެއްވައެވެ. ކުދި ދޯނިފަހަރު އެކި ގޮތް ގޮތުން ޖޫރިމަނާކޮށްފައިވާއިރު ބައެއް މީހުން ތިބީ އެ އަދަދު ނުދެއްކިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.