ޢަދާލަތު ޕާޓީގެ ނަމުގައި އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު މީޑިޔާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ވާތީ އެކަން އެއީ ޝަޚްސު އޮޅުވާލުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގް ކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ހުށަހެޅި މައްސަލައިގައި ފުލުހުން އެއްޗެއް ނުބުންޏެވެ.
އަދާލަތު ޕާޓީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ބަހެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
މި މައްސަލައާ މެދު ފުލުހުން ބަހެއް ވިދާޅުވާން ބޭނުން ނުވާއިރު، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ދިއްގަރަ ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުކޮށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ބޭއްވި އެ ޕްރެސް ކޮންފަރެންސް ސަރުކާރަށް ތާއިދުކުރާ ޗެނަލްތަކުން ލައިވްކޮށްފައި ވާއިރު، ޝަހުސު އޮޅުވާލި މައްސަލަ ބަލައި ދިނުމަށް އެދި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އޮގަސްޓް މަހުގެ 13 ވީ ހޯމަ ދުވަހު އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ބުނެ މީޑިޔާތަކަށް ގުޅައި، ޢަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު، ޢަދާލަތު ޕާޓީގެ ނަމުގައި ނޫސްކޮންފަރެންސެއް އިންތިޒާމްކޮށް، ޢަދާލަތު ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އަދާލަތު ޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ، ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާން ކުރާ ކުށަށް އަރައިގެންފައި ވާތީ، އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ހުށަހަޅާ ކަމަށެވެ.
އެ ނިއުސްކޮންފަރެންސްގައި ބައިވެރިވި ބައެއް ފަރާތްތަކުގެ މައުލޫމާތު ފޮޓޯ އަދި ވަނަވަރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު ރާއްޖެ އެމްވީއަށް ވިދާޅުވީ ޕްރެސް ދީފައިވާ ބައެއް ފަރާތްތަކަކީ އަދާލަތު ޕާޓީގެ މެމްބަރުން ކަމަށާއި ޝަޚްސު އޮޅުވާލީތީ ތަހުގީގް ކޮށްދިނުމަށް އެދިފައި ވަނީ އޭގެ ތެރޭގައި ހިމެނޭ ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ މީހުންގެ މައްޗަށް ކަމަށެވެ.