ގައުމީ ސަލާމަތަށް ނުރައްކާވުމާއި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެެއްކުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ބަލައިގަތުމުގެ އިންތިޒަމު ހަމަޖެހިފައިވާނީ މީރާގައި ކަމަށާއި އެ ފައިސާ ދެއްކުމަށްފަހު. ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް އެކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަބުރުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކުރީ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރާއްޖެ ޓިވީގެ ސްޓޫޑިއޯގައި ހުންނަވައިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރި ފައިސާ މީރާއަށް ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 09 ވަނަ ދުވަހެއެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރުދޭ މުއައްސަސާއެއްކަން ހާމަވާކަމަށެވެ.