މާލޭގެ އިސްކަންދަރު ސްކޫލްގެ ވިއްސަށްވުރެ ގިނަ ޓީޗަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ބައްދަލުކޮށް، އެމަނިކުފާނަށް ތާޢީދުކުރާކަން ހާމަކޮށްފިއެވެ.
އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައި ވަނީ އަންގާރަ ދުވަހު އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައެވެ. މި ބައްދަލުކުރުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްޞީލެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައި މިވަނީ ވަޒީފާގެ ބިރަށް ނުތިބެ، އިސްލާހީ ހަރަކާތާއި ގުޅި، ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިބޫއާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ގޮވާލައްވާފައި ވަނިކޮށެވެ. މާލޭގެ ސްކޫލެއްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައިވާއިރު، ކެމްޕެއިން ދަތުރުތަކުގައި އެހެން ބައެއް ރަށްރަށުންވެސް ޓީޗަރުންނާއި އެހެނިހެން ސިވިލް ސަރވަންޓުން ވަނީ އިބޫއާއި ފައިސަލްއާއި ބައްދަލުކޮށް، އެދެބޭފުޅުންނަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ.
ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް ތާޢީދުކޮށްގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނެކަމަށާއި، ވަޒީފާ އެހެން ތަނަކަށް ބަދަލުކޮށްފިނަމަ، އަލުން ކުރިން އޮތް ގޮތަށް ވަޒީފާ ބަދަލުކޮށްދޭނެކަމަށެވެ.