އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން ކޯލިޝަންގެ ސަޕޯޓުން މުޅިރަށް ގުގުމާލައިފިއެވެ.
ކޯލިޝަން ކެނޑިޑޭޓް ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެންފައިވަނީ، އާދިއްތަ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮންނެވެ.
އިބޫ އެރަށަށް ފައިބައިވަޑައިގަތުމުން އެންމެ ފުރަތަމަވެސް މަރުހަބާކީ ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސެއިންއެވެ. ވިލިނގިއްޔަށް އިބޫ ވަޑައިގަތުމުން ކީ ހޫނު މަރުހަބާއާއި ފެނުނު މަންޒަރުން ދައްކައިދިނީ ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެކަންކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން ހިމެނޭ އެރަށުން އެ މުވައްޒަފުންވެސް ބިރު ފަހަނައަޅާ މިއަދު ކުރިއަށް ނުކުތުމުން އެނގުނު އެއްޗަކީ އެރައްޔިތުންގެ ހުކުމް އިއްވައިފިކަންކަމަށެވެ.
ރަށުގެ ބަނދަރުމަތިން ކޯލިޝަންގެ ކުލަތަކުން ޒީނަތްތެރިކޮށްލާފައިވާ އެކިކުލަތައް ފެނިގެން ދިޔައިރު، ވިލިނގިލި ދާއިރާގެ މެމްބަރު އަދި ވިލިނގިއްޔަށް އުފަން ސައުދު ހުންނެވީ ކޯލިޝަންގެ ހުރިހާ ކުލަތައް ހިމެނޭ ގަމީހެއް ލައިގެންނެވެ.
ރަށުގެ ޒުވާނުން ތިބީ "ވަގަކަށް ހާސް ދުވަސް، އަހަރެމެންނަށް ވޯޓުލާ ދުވަސް" ލިޔެފައިވާ ޓީޝާޓުތަކެއް ލައިގެންނެވެ. އަދި އެރަށުގެ ރައްޔިތުން ގޮވާލަމުން ދިޔައީވެސް އެގޮތަށެވެ.
ގއ. ވިލިނގިއްޔަކީ މި ސަރުކާރުގެ އަނިޔާވެރިކަން ތަހައްމަލުކުރި ގިނަ އަދަދެއްގެ މުއައްޒަފުން ދިރިއުޅޭ ރަށަކަށް ވާއިރު، އެމުވައްޒަފުންވެސް މިއަދު ވަނީ އިބޫއަށް ތާއީދުކޮށް ކުރިއަށް ނުކުމެފައެވެ.