ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް އިލެކްޝަންސް ކޮމިޝަންގައި ހުރި މައުލޫމާތު ލީކުވެފައިވާކަމަށް ބެލެވޭކަމަށް އެކޮމިޝަނުންވެސް އެއްބަސްވެފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމުގެ ޕެރެލަލް ސިސްޓަމެއް މުލީއާގޭގައި ހުރިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތުކުރައްވައިފިއެވެ.
ޑރ. ޖަމީލް އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުލީއާގޭގައި އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމުގެ ޕެރެލަލް ސިސްޓަމެއް ހުރުމަކީ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
Alarming reports @ElectionsMv's parallel system at Muliaage as part of regime's wider plan to rig election. If true, this undermines credibility of electoral process. Int community @MEAIndia @EUCouncil must help Maldivian people secure free, fair election in face of this facade.
— Mohamed Jameel Ahmed (@MJameelAhmed) September 2, 2018
ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމްތަކާއި ނަތީޖާއާއި ކުޅުމުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުން ނަގާފައިވާ ކަމަށެވެ. އަދި މިއީ ސީދާ އިލެކްޝަންސް ކޮމިޝަންގެ ސައްހަކަން ގެއްލި، މުޅި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދައުވާ އުފުލޭނެކަމެއް ކަމަަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މިކަންކަމުގެ ތެދު ދޮގު ބަޔާންކޮށް، އެއްވެސް މިންވަރަކަށް ސަރުކާރުގެ ބާރުގެ ދަށަށް އިންތިޚާބުގެ ޕްރޮސެސް ނުދާނެކަމުގެ ޔަޤީންކަން ދޭން ޖެހޭކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
އާދިއްތަ ދުުވަހު ކުރެއްވި ޓުވީޓުގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ އިންޑިއާއާއި ވިލާތުގެ އިއްތިޙާދުގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމައުން ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެހީތެރިވެދޭން ޖެހޭކަމަށެވެ.
އާދިއްތަ ދުވަހު ކުރެއްވި އެހެން ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސަރުކާރު ލިބުމުން ރައީސް އަބްދުﷲ ޔާމީން އަމަލުކުރެއްވި ގޮތުންކަމަށެވެ. އަދި ޕީޕީއެމްއަށް ދިރުން އަންނާނީ މިވެރިކަން ނިމުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.