އާބާދީ ބޮޑުވެ، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ގއ. ދާންދޫއަށް ބޭނުންވާ ބިން ހިއްކަ ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ހުވަދު އަތޮޅު އުތުރުބުރީގެ ފަސް ރަށްތަކަށް އާދީއްތަ ދުވަހު އިބޫ ފެށްޓެވި ދަތުރުފުޅުގައި ދާންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދާންދޫގެ ބިން ފުރިފައިވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ވަރަށް ދާންދޫގައި ބިމެއް ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަދަނޑުގެ ޖާގަ ވެސް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މި ރަށުގެ ބިން ހިއްކި ބަނދަރަށް ވެސް ބޭނުންވާ ބަދަލުތައް ގެނެވި އަދި ކުޅިވަރު ކުޅެން ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވެސް، ފުޓްބޯޅަދަނޑު ވެސް ހިމެނޭ ގޮތަށް ބިން ބޮޑު ކުރެވި އެ ވަސީލަތްތައް ތިބޭފުޅުންނަށް ފަހިވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.
ގއ. އަތޮޅުގެ އެންމެ އެންމެ ބިން ކުޑަ ރަށަކީ ދާންދޫއެވެ. އެ ރަށުގެ ބޮޑުމިނަކީ އެންމެ 18 ހެކްޓެރެވެ. ދާންދޫގައި ދިރިއުޅޭ އާބާދީއަކީ 1001 ކަމުގައިވިޔަސް، އެ ރަށުގެ ރަށްވެހިންގެ ގޮތުގައި 2052 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
މަސްވެރިން ގިނަ ދާންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދާންދޫގެ ރައްޔިތުން ބޭންކުގެ ހިދުމަތަށް ބޭނުންވެފައިވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގައި ބޭންކުގެ ހިދުމަތް ފައްޓަވާނެ ކަމަށެވެ.
ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިބޫ މިހާތަނަށް ވަނީ 11 ރަށަކަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަޑައިގެންނެވި ގދ. އަތޮޅުގެ ރަށްތަކަކީ ވާދޫ، ފަރެސްމާތޮޑާ، ފިޔޯރި، ތިނަދޫ، ގައްދޫއެވެ. އެމަނިކުފާނު ވަޑައިގެންނެވި ގއ. އަތޮޅުގެ ރަށްތަކަކީ ދެއްވަދޫ، ކޮލަމާފުށި، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ އަދި ދާންދޫއެވެ.