ގުޅިފައިވާ ޕާޓީތަކުން ހުވަދޫގައި ބާއްވާ ބޮޑު ޖަލްސާ އާދީއްތަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ބާއްވާތީ، އެންމެ ފަހުގެ ތައްޔާރީތައް ފޯރިއާއެކު އެ ރަށުގައި ކުރިއަށް އެބަދެއެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވިލިނގިލީގައި ބޮޑު ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ރަށުގެ އާ ހާބަރު ސަރަހައްދުގައި ކަމަށާއި އެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ. އާދީއްތަ ދުވަހުގެ ހަވީރު އިބޫ ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އެ ރަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކަށް އޮތް ތާއިދު "މިފަހަރު" ދައްކާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އިބޫ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިހާތަަނަށް ވަނީ ނުވަ ރަށަކަށް ވަޑައިގެންފައެވެ. އެމަނިކުފާނު އާދީއްތަ ދުވަހު ގއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ކޮނޑޭ، ދާންދޫ، ނިލަންދޫ، މާމެންދޫ އަދި ވިލިނގިއްޔެވެ.
ގުޅިފައިވާ ޕާޓީތަކުން ހުވަދު އަތޮޅަށް ކުރާ ދަތުރުގައި އިބޫ ވަނީ ވަކިވަކި ރަށްތަކަށް ހާއްސަ ވައުދުތަކެއް އިއުލާން ކުރައްވާފައެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ފަރެސްމާތޮޑާގެ އެއާޕޯޓު ތަރައްގީކޮށް ނިންމާނެ ކަމަށާއި މާވަރުލުގެ އެއާޕޯޓުގެ މަސައްކަތް އަވަހަށް ފަށާނެ ކަމަށެވެ. އަދި ގއ. ގެމަނަފުށި ކައިރީގައި އޮންނަ، މާރެހާގައި ރިސޯޓު ހަދާނެ ކަމަށާއި ގދ. ގައްދޫ ކައުންސިލަށް އާމްދަނީ ހޯއްދައި ދިނުމަށްޓަކާ އެ ރަށު ކައިރީގައި އޮންނަ ގދ. ގަން ވެސް އެ ކައުންސިލަށް ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.
ހުވަދު އަތޮޅަކީ މަސްވެރި އަތޮޅެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި ކަނޑުތަކުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ހުއްޓުވާނެ ކަމަށެވެ. އެގޮތުން ބޭރުގެ ބޯޓު ފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައްވާނެ ކަމަށާއި މިހާރު ދީފައިވާ ހުއްދަތަކުގެ މުއްދަތު އިތުރު ނުކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވަނީ ވަައުދުވެވަޑައިގެންފައިވެއެވެ.
ހުވަދު އަތޮޅަށް ކުރައްވާ ހަތަރު ދުވަހު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.