ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ ވަޒީފާއިން ވަކިކުރާނެ ކަމެއް ނޫން ކަމަށާއި މިހާރު އެ ކުންފުނިތަކުގެ ވަޒީފާގައި ތިބި މީހުން، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ވަކިކުރާނެ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އައްޑޫ ސިޓީގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އުފައްދާފައިވާ ކުންފުނިތަކާ ޙަވާލުވެ ތިބޭ ބޭފުޅުން، ސަރުކާރުގެ މަސައްކަތަކީ ރައީސް ޔާމީންގެ ކެމްޕެއިންގެ މަސައްކަތެއްކަމުގައި ދެކިގެން އުޅޭތަން ފެންނަ ކަމަށެވެ. އެކްޓިވްކޮށް މަސައްކަތް ކުރުމުގެ އިތުރުން އެކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކުރަމުންދާތަން ފެންނަ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެއީ ކަނޑައެޅިގެން ނުފޫޒުގެ ބޭނުން ކުރެއްވުން ކަމަށާއި އެކަން ކުރައްވަމުން ގެންދަވާ ބޭފުޅުން އެކުރައްވަނީ ކަޑައެޅިގެން ޤާނޫނީ ކުށެއް ކަމަށެވެ.
ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ޓެކްނިކަލް މަސައްކަތްތަކެއް ކުރައްވާ ބައެއްކަމަށް ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ އެމީހުން ވާން ޖެހޭނީ އެއީ އަމިއްލަ މުދާ ކަމުގައި ދެކިގެން ޤައުމަށްޓަކައި މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ. އަދި އެމީހުންނަކީ ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވާއިރު ބަދަލުވާން ޖެހޭ ބައެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އެމްޑީޕީ ސަރުކާރެއްގައި އެބޭފުޅުން ވަކިކުރާނެޔޭ. ކަނޑައެޅިގެން ދޮގެއް. ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ކަނޑާލާނެޔޭ. ކަނޑައެޅިގެން ދޮގެއް. އެމްޑީޕީ ސަރުކާރެއް އޮތް. އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ސިޔާސީ ފިކުރު ތަފާތުވީތީ ކުންފުނިތަކުގައި ތިބި ބޭފުޅުން ވަކިކޮށް ނުހަދާކަން. އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަމުދުން ސިޔާސީ ފިކުރެއްގައި ޚިޔާލް ތަފާތުވީތީ އަދި ވަޒީފާއިން ވަކި ނުކުރާނެކަން. އެހެންނަމަވެސް ޤާނޫނީ ކުށްތަކެއް ކުރާ ބޭފުޅުންނަކަށް އެމަޤާމްތަކަކު ނުތިއްބެވޭނެ. އެއީ އެމަޤާމްތަކުގައި ތިއްބަވަން ޖެހޭނީ ތެދުވެރި، ކަމަށް އެކަށޭނަ، ލަޔާގަތާ ޤާބިލިއްޔަތު ތަންދޭ ބޭފުޅުން" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން ޚާއްޞަކޮށް އައްޑޫގައި ތިއްބެވި އެފަދަ ބޭފުޅުން އަމިއްލަ ފައިދާއަށްޓަކައި ވަޒީފާގެ ބޭނުމަށް މަޑުން ނުތިއްބެވުމަށް ގޮވާލައްވާފައެވެ. އަދި ސިއްރުން ވަކިން ދައްކަވަމުންދާ ވާހަކަތައް، ނުކުމެވަޑައިގެން ޕޯޑިއަމްތަކުގައި ވިދާޅުވުމަށް އަސްލަމް ވަނީ ގޮވާލައްވާފައެވެ.