ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއިދު ހޯއްދެވުމަށް އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް، މިއަދު އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރާނެ ކަމަށް ކެމްޕެއިން ޓީމުން ބުނެފި އެވެ.
ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާގެ ޓްރިވެންޑްރަމަށް ފައިސަލް ވަޑައިގެން އުޅުއްވާއިރު ދިވެހިންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 5:00 ގައި ހޮޓެލް ރޫބީ އެރީނާގައެވެ. ފައިސަލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި ފައިސަލް ވާހަކަފުޅު ދައްކަވާއިރު، އިންޑިއާގެ އެކި ސިޓީތަކުގައި ދިރިއުޅޭ ދިވެހިން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ހޮނިހިރު ދުވަހު ފައިސަލް ވަނީ ގުޅިފައިވާ ޕާޓީތަކުގެ ޓްރިވެންޑްރަމް ޖަގަހައިގައި، ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައިފަ އެވެ. މިއީ ކެމްޕެއިންގައި ފައިސަލް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ.

އިންތިހާބަށް ތާއިދު ހޯއްދެވުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ވަޑައިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިދިޔަ ހަފުތާގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.