ދިވެހި ރައްޔިތުން މިއަދު އިންސާފު ހޯދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިންގެ ކިބައިން ސަލާމްޖަހަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ޓްރިވެންޑްރަމްގެ ކެމްޕެއިން ޓީމާއި ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އޯގާތެރި ސަރުކާރެއް އޮވެގެން ނޫން ގޮތަށް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ "އިންސާފު" ކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ރާއްޖޭގެ ރައްޔިތުން އިންސާފު ހޯދަން "ފަހަތުން ދުވެ ސަލާމް ޖަހަން" ނުޖެހޭނެ ކަމަށެވެ.
"ފާހަގަކޮށްލަންޖެހޭ ވާހަކައެއް، އަޅުގަނޑުމެންގެ ތެރޭގައި އިންސާފުގެ ވާހަކަ އަކީ، މުޅި ގައުމުގެ ރައްޔިތުން ހުސެއިން ރަޝީދުގެ [ޔާމީން ރަޝީދުގެ ބައްޕަ] އާއިލާ ގޮތަށް، ރޭގަވެސް ހިނގާ އެދިޔަ ހާދިސާ، ތިބޭ ފުޅުންގެ ތެރެއިން އެއްވެސް ބަޔަކު އެއްވެސް އާއިލާއެއް ބޭނުންވާ ކަމެއް ނޫން، ހުސެއިން ރަޝީދުގެ އާއިލާ ވެސް ބޭނުންމެއް ނުވާނެ މިފަދަ ކަންކަން ގައުމުގައި ހިނގާ އިންސާފު ނުލިބުމެއް. ފަހަތުން ދުވެ ސަލާމް ޖަހަން މި ޖެހެނީ އިންސާފަށް،" ފައިސަލް ވިދާޅުވިއެވެ.

އަނިޔާވެރި ގޮތަކަށް މަރާމާލާފައިވާ ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ޓްވިވެންޑްރަމްގައި ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާތީ، ފައިސަލް ވިދާޅުވީ ޔާމީންގެ ރަޝީދުގެ އާއިލާއަކޭ އެއްފަދައިން މިއަދު އެތަކެއް އާއިލާތަކެއް އިންސާފު ހޯދައިދިނުމަށް ކަމާއިބެހޭ މުވައްސަސާތަކަގެ ކިބައިން އާދޭސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ކައިރިން ވަޅިން ހަމަލާދީ މަރާލި ޒުވާނާގެ އާއިލާއަށް ވެސް، މިހާރު އޮތް ސަރުކާރު އޮވެގެން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ އެއްމެން މި މަސައްކަތް ކުރަންޖެހެނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން، އަޅުގަނޑުމެންނަން ހީވަނީ ވަކިން ހާއްސަކޮށް، ޓެރިވެންޑަމްގައި އިންޑިއާގައި އުޅުންވާ މީހުނަން އިޙްސާސް ކުރެވޭނެހެން، މިއަދު އަޅުގަނޑުމެންގެ ގައުމުގެ ޕޮލެސީތަކާއި ސަރުކާރުގެ ޕޮލެސީތަކާއި ކަންތަށްތަށް ހުރި ގޮތުން އެކަމުގެ ދަތިތަކާއި އުނދަގޫތަށް އިހްސާސްކުރަންޖެހިފައިވާ މިންވަރު" ފައިސަލް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓެރިވެންޑްރަމްގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޓީމާ ފައިސަލް ބައްދަލުކުރެއްވީ "ވިސާ ޖަގަހައި" ގައެވެ. މި ބައްދަލުވުމުގައި ބައިވެރި މީހުން ވަނީ ޓްރިވެންޑްރަމަށް ބޭސްފަރުވާއަށް އަންނަ ދިވެހިންނަން ދިމާވާ ދަތިތަކާއި، ގޮންޖެހުންތަށް ފައިސަލްއާ ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، އެމްއާރުއެމްގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.