ބްރިޖަށް ނަގާ ޓޯލް ފީ ދައްކަން ޖެހިފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ޗައިނާއަށް ޖިޒީ ދައްކަން ޖެހޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވި ގޮތުގައި ބްރިޖުން ދަތުރު ކުރުކުރުމަށް ޓޯލް ފީގެ ގޮތުގައި ނަގާނެ އަދަދު ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެ ފައިސާ ދައްކަން ޖެހެނީ ޗައިނާގެ ކުންފުންޏަކަށް ކަމަށެވެ. ޓޯލް ފީ ނަގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހިސާން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް، އެއްވެސް ފީއެއް ނުނެގޭނެ ކަމަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީން ކަޅާއި ހުދުން ލިޔެފައި އޮއްވާ މިގޮތަށް ފީއެއް ނުނެގޭނެ. އެއީ ކަނޑައެޅިގެން ޤާނޫން އަސާސީއާ ޚިލާފް ކަމެއް،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިގޮތަށް ޤާނޫން އަސާސީއާ ޚިލާފަށް ސަރުކާރު ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ފުރުސަތު ދީގެން ތިބެފިނަމަ ޗައިނާއަށް ޖިޒީ ދައްކަން ޖެހޭ ދަރަޖައަށް ކަންކަން ހިނގައިދާނެ ކަމަށެވެ.
"މިގޮތަށް ދޫކޮށްލައިގެން އަޅުގަނޑުމެން ތިބެފި ނަމަ ޗައިނާއަށް ޖިޒީ ދައްކަންވެސް ޖެހިދާނެ. އެ ދަރަޖައަށް ޤައުމު ދަރުވާލާފައި މިހާރުވެސް މިއޮތީ. އެހެންވީމާ އަޅުގަނޑު ގޮވާލާނީ މިމަހުގެ 23 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވާށޭ" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބަށް ނުކުމެ މިތިބީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށް ދެކި އެ ކޮމިޝަނަށް އިތުބާރު ކުރާތީ ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް އިތުބާރު ކުރާތީ ކަމަށެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރަން މިއުޅެނީ ގުޅިފައިވާ ޕާޓީތަކަށް ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.