ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ ގދ. ގައްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)އާ ހަވާލުކޮށްގެން ފެށްޓެވި މަޝްރޫއެއް ކަމަށާއި ނަމަވެސް ސަރުކާރުން ފަހުން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ ކުންފުނިތަކާ އެކު ސަރުކަރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާ ހިލާފަށް ބާތިލު ކުރާނަމަ، އެ އެއްބަސްވުންތައް ރުޖޫއަކޮށް، ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދޭނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމަވާނެ ކަމަށް އިބޫ ވިދާޅުވިއިރު، ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ވެސް ނިންމާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.
މާވަރުލުގައި ހުޅުވާ އެއާޕޯޓާއެކު ހުވަދު އަތޮޅުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގެ އަދަދު ހަތަރަކަށް އަރާނެ އެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓާއި ގއ. ކޫއްޑޫއެއާޕޯޓާއި ފަރެސްމާތޮޑާގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓާއި މާރުވަރުލު އެއާޕޯޓެވެ.