ސިއްރުފެންފުށީގެ މޫދު އަޑީގައި ބަހައްޓާފައިވާ "ބުދު"ތައް ކޯޓް އަމުރަކާއެކު ފުލުހުން ފޮނުވައިގެން ނަގަން ސަރުކާރުން ނިންމައިފި އެވެ.
ފެއާމޮންޓް މޯލްޑްވިސް ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީ ހަދާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ސިއްރު ފެންފުށީގައި ށ. ސިއްރުފެންފުށީ ގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އަދި ރިޒޯޓުގެ މެނޭޖްމަންޓާއި ގުޅިގެން ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.
މުއާޒު އެދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީ ގައި ހުރި "ބުދުތައް" އެއްކޮށް ނެގުމުގެ މަސައްކަތް މާދަމާ (ހޮނިހިރު) ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގަވާފަ ކަމަށެވެ.
އޭގެ ފަހުން މަހެއް ފާއިތުވެގެން ދިޔައިރުވެސް އެ"ބުދު ތަކެއް" ނުނަގައެވެ.
މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ރާއްޖެ އެމްވީން މުއާޒަށް ގުޅާލުމުން ވިދާޅުވީ ބުދުތައް ނެގިކަން ނުވަތަ ނޫންކަން އެނގޭނީ ޓޫރިޒަމް މިނިސްޓްރީއަށް ކަމަށެވެ. ސަރުކާރުން ވާނީ ބުދުތައް ނަގަން އަންގާފައި ކަމަށެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.
"ކޮރަލޭރިއަމް" ގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ކަމަށްވާއިރު، އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.
ބައެއް މީޑިޔާތަކަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ހޮނިހިރު ދުވަހުގެރޭ ވިދާޅުވެފައިވަނީ ބުދުތައް ނަގަން، އެ ރިސޯޓް ހިންގާ ކުންފުންޏަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުނިން މިހާތަނަށް ބުނެފައި ވަނީ ކަނޑުއަޑީގައި ހުރި ސްޓީލް ސްޓްރަކްޗާ ބަރުވުމާއި އެކަމަށް ކުރަން ޖެހޭ އެހެން ވެސް ކަންކަމާ ހުރެ އަދި ނުނަގާ ކަމަށެވެ.
އެއޮފިޝަލު ވިދާޅުވީ އެ ކުންފުންޏަށް ދިން މުއްދަތު ފަހަނައަޅާ ގޮސްފައިވާ ކަމަށާއި އެހެންކަމުން ފުލުހުން މެދުވެރިކޮށް ކޯޓު އަމުރެއްގެ ދަށުން ބުދުތައް ނަގަން އެ ރިސޯޓަށް ދާން މިހާރު ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ ބުދުތައް ބެހެއްޓި މައްސަލާގައި ވަރަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި އެ ނަގަން އެންގި ފަހުން ވެސް މިހާރު ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެހެންވެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ ތަކެތި ނަގަން ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ސިއްރު ފެންފުއްޓަކީ ޖީބީއެޗް ރިސޯޓްސް މޯލްޑިވްސް އިން ތަރައްގީ ކުރި ރިސޯޓެކެވެ.