ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
ފައިސަލް އާއިއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން އިންޑިއާއަށް ވަޑައިގަތުމުން ޓްރިވެންޑްރަމްގެ އެއާޕޯޓުން ޓްރެވިންޑްރަމްގައި ދިރިއުޅޭ ބައެއް ދިވެހިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާއިރު، އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ ޓުރެވެންޑުރަމްގައި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ފައިސަލް ބައްދަލުކުރައްވާނެއެވެ. އަދި އާދީއްތަ ދުވަހުގެ ހެނދުނު ޓުރެވެންޑުރަމްގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލުވުމުގެ ގޮތުން ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، އެމްއާރުއެމްގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ އިންޑިއާ ގަޑިން 5:00 ޖަހާއިރު ފައިސަލް ޓުރެވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުން އޮންނާނީ ހޮޓަލް ރުބީއެރީނާގައެވެ.
މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއިރު، މިއީ އެމަނިކުފާންގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެއެވެ.
މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުލައި މަސްތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރިކަން ފާހަގަކޮށްލެއެވެ.