ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ފައިސަލް އިންޑިއާއަށް ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާއިރު، އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ފައިސަލް ބައްދަލުކުރައްވާނެއެވެ. އަދި އާދީއްތަ ދުވަހުގެ ހެނދުނު ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލުވުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެ ހަވީރު އިންޑިއާ ގަޑިން 5:00 ޖަހާއިރު ފައިސަލް ޓްރިވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުން އޮންނާނީ ހޮޓަލް ރޫބީ އެރީނާގައެވެ.
މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއިރު، މިއީ އެމަނިކުފާންގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެއެވެ.
މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުލައި މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރިކަން ފާހަގަކޮށްލެއެވެ.