ރައީސް ޔާމީނަށް ދެއްކޭނެ ބިރެއް ނޯންނާނެ ކަމަށާއި ވެރިކަމުގައި ހުންނަން ދެން އޮތީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ގއ. ކޮލަމާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިގެންވާ ކަމަށާއި އެކަން މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. ކޮލަމާފުށިން ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި އެވަގުތު މޫދަށް އެރި އުޅުނު މީހުންނާއި ކުލަލަން އެހެން ސަރަހައްދެއްގައި ތިބި މީހުން ވެސް ހިމެނޭ ކަމަށާއި މިހާރުން މިހާރަށް ހުރިހާ ފަރާތްތަކުން ދޫކޮށްލަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
މިދިޔަ އޯގަސްޓް 29 ވަނަ ދުވަހު ކޮލަމާފުށީގައި ހިންގި ހަމަނުޖެހުންތަކުގައި އެރަށުގެ 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހާދިސާގައި މުޅިންހެން ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކެވެ.
ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ޖެހިލުމެއް ނެތި ސަރުކާރު ވަޒީފާތަކުގައި ތިބި ފަރާތްތަކުން ވެސް ފަހަތަށް ނުޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިބޭފުޅުން ކުރައްވަން ޖެހޭނެ ކަމަކީ ގާނޫނުތައް ދިފާއު ކުރުން. ވަކި ފަރާތެއް ވަކި މީހަކު ބުނާ ބަހަކަށް ނޫން ތިބޭފުޅުން މަސައްކަތް ކުރައްވަންޖެހޭނީ. އަޅުގަނޑު މިއަދު ރަށުގައި ތިބި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކަށް މި ދަންނަވަނީ ހަރަކާތް ކުރިއަށް ގެންދަވާށޭ. ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ." އިބޫ ވިދާޅުވިއެވެ.
ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަން ކޮލަމާފުށިން ފެނިގެން ގޮސްފައިވާ ކަމަށާއި ސްކޫލުގެ ޓީޗަރުންނާއި ސަރުކާރުގެ ވަޒީފާތަކުގެ އިސްވެރިން ވެސް ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު ކަމަށެވެ.