ގދ. ތިނަދޫ ރައްޔިތުން ތަރައްގީ ބޭނުންވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ރަށަށް ގެންނަ ތަރައްގީއަށް ނޫނެކޭ ބުނީ އަޅުވެތިވާން ބޭނުން ނުވާތީ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުޅޯ ވިދާޅުވީ ތިނަދޫއަށް ގެނެސްފައިވާ ތަރައްގީއަށް ރައްޔިތުން ނޫނެކޭ ބުނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ތަރައްގީ ގެންނަން ބޭނުން ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެންނަމުން ދަނިކޮށް ބޭއްވި ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ތިނަދޫ އިން ދީފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ކަމަށާއި އަނިޔާވެރިކަމުގެ ތެރެއިން ތަރައްގީ އަންނަން ތިނަދޫ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަމުގެ ތެރެއިން ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީ އަންނާކަށް. ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީއަށްޓަކާ އަޅުވެތިވާކަށް. މިކަން މި ރަށުން ވެސް ސާބިތުކޮށްދީފި. ނިމިދިޔަ ކައުންސިލް އިންތިހާބުގައި މިރަށް ތަރައްގީ ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެންނަށް އެ ނިމިދިޔަ ކައުންސިލް އިންތިހާބު ލިބިގެންދިޔައީ އިދިކޮޅު ޕާޓީއަށް މުޅި ކައުންސިލްގެ މެޖޯރިޓީ، އަތޮޅު ކައުންސިލާ އެކީގައި ދިންތަން،" އަބުޅޯ ވިދާޅުވިއެވެ.
"ރައްޔިތުން ބުނީ ތަރައްގީއަށް ނޫނެކޭ. އެކަމަކު ތަރައްގީ ރައްޔިތުން ބޭނުންވޭ. ރައްޔިތުން ތަރައްގީ ބޭނުންވެ، ތިބެ އެއަށް ނޫނެކޭ ބުނީ ކީއްވެގެންތޯ؟ ރައްޔިތުން ތަރައްގީއަށް ބޭނުންވެ ތިބި، ތަރައްގީއަށް ނޫނެކޭ ބުނީ އަޅުވެތިވާން ބޭނުން ނުވާތީ. އަނިޔާވެރިކަން ބޭނުން ނުވާތީ. މިއީ ހަގީގަތަކީ."

ތިނަދޫއަށް ގެނެސްފައިވާ ތަރައްގީއަކީ ރައީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއެއް ނޫން ކަމަށް ވެސް އަބުޅޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ ތަރައްގީގެ ޓެގު ދެން އޮތީ ތިނަދޫގެ ދެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތުގައި ކަމަށް އަބުޅޯ ވިދާޅުވިއެވެ.
"ދެން އެ ތަރައްގީގެ ޓެގު މި އޮތީ އަޅުގަނޑުމެންގެ އަތުގައި. އަޅުގަނޑާއި އަޅުގަނޑުގެ އަހު ސައުދުﷲ ހިލްމީ އަތުގައި. ތަރައްގީގެ ޓެގު އޮތީ އަޅުގަނޑުމެންގެ އަތުގައި،" އަބުޅޯ ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރައްވާ ދަތުރުގައި ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހުވަދު އަތޮޅު ދެކުނު ބުރިއަށާއި އުތުރު ބުރިއަށް އިބޫ ކުރައްވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ގދ. ގައްދޫގައި ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ގއ. ވިލިނގިލީގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ވެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.