މި ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހަށް ލާރި ހޯދުމަށް ލޯޔަރުން ފޮނުވާ އެ ހުރި ތަނެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް އެމީހުންނަށް ނުވިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ލޯޔަރުން ފޮނުވުމުންވެސް އަދީބުގެ ޖަވާބަކީ "ތިމަންނައަކީ ލާރި ގެންގުޅުނު މީހެއް ނޫން" ކަމަށެވެ. އެހެންކަމުން އެމީހުންނަށް ކުރަން އުޅުނު މަސައްކަތްތައް ނުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަދީބުގެ ޖަވާބަކީ ތިމަންނައަކީ ލާރި ގެންގުޅުނު މީހެއް ނޫނޭ. އެހެންވީމަ އެމީހުންނަށް ކުރަން އުޅުނު މަސައްކަތްތައްވެސް ނުވި. ލާރި ބޭނުން. ލާރި ބަލާ ލޯޔަރުން ފޮނުވާފަ އެބަ ބުނޭ. ބޭނުންވާ ހުރިހާ ލާރި ހުރި ތަންތަން ބުނާށޭ. ހުރިހާ ލާރިއެއް ގެނެސްދޭނަމޭ. މާތްކަލާކޯ! މިމީހުން އަތަށް ލާރިއެއް ނޫން ދޭންވީ، ކުނި އަޅާނެ ޑަސްބިނެއް. އޭގެ އަނެއްދުވަހު ޑަސްބިން ވީތަނެއް ނޭނގޭނެ،" ނައިފަރުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާ ހުރިތަން އެނގޭނީ އެމްޑީޕީއަށް ކަމަށް މިދިޔަ ހަފްތާގައި ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދީބާއި އެމަނިކުފާނާ ދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.
އަދި ފެބްރުއަރީ 1ގެ ހުކުމުގައި އަދީބު ދޫކޮށްލަން އޮތުމުން، އެމްޑީޕީ އާއި އަދީބާ މެދު މިހާރު އޮތް ގުޅުން ހާމަވާ ކަމަށާއި ނައިބު ރައީސަކަށް އަދީބު އުޅުއްވި އިރު އެމްޑީޕީން އެންމެ ރުޅި އަންނަ މީހަކަށް އޭނާ ވާއިރު މިހާރު ދޫކޮށްލަން އެޕާޓީން އުޅެނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.
އެކި މައްސަލަތަކުގައި މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމް އަދީބު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.