އަޅާ ބްރިޖަކުން، އަޅާ ފާލަމަކުން އެއީ ދެ ވަނަ ދައުރަކަށް އިންތިޚާބު ވާންޖެހޭ ސަބަބެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބުވާން ބޭނުންވާ ނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ހޯދައިދީ އޯގާތެރި ސަރުކާރެއް ގާއިމްކުރުން ކަމަށެވެ. ކޮންމެ ރައީސަކު ވެސް އަދި ކޮންމެ ވެރިއަކު ވެސް ކުރަން ޖެހޭކަމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްދީފައިހުރި އަސާސީ ހައްގުތައް ފުރިހަމަ ކޮށްދިނުމައްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމަށާއި އެކަންކަން ކޮންމެހެން ކުރަންޖެހޭކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިއްވައި ދީފި ކަމަށެވެ.
"އަޅާ ބްރިޖަކުން، އަޅާ ފާލަމަކުން، ކުރާ އިމާރާތަކުން، މަގުމަތީގައި އަޅާ ތާރައަކުން މީ ދެވަނަ ދައުރަކަށް މީހާ އިންތިޚާބު ކުރަންޖެހޭ ސަބަބެއް ނޫންކަން ތިބޭފުޅުން މިއަދު ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފި. އާދެ އެއީ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަން ތިބޭފުޅުން ވަރަށް ބާރަށް ވިދާޅުވެއްޖެ. ދެވަނަ ދައުރަކަށް އިންތިޚާބުވާން ބޭނުންފުޅުވާ ނަމަ ވެރިމީހާ ކުރަންޖެހޭ ކަމަކީ އިންސާފު ގާއިމް ކޮށްދިނުން،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ކަންތައްތައް އޮތީ ރައްޔިތުން ހީވެސް ނުކުރާހާ ހިސާބެއްގައި ކަމަށާއި ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ސިޔާސީ ފިކުރުން ބޭރުން އެންމެން އެއްވެގެން ކުރަންޖެހޭ ކަމެއްކަމަށް މިއަދު ވަރަށް ސާފުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަން ދައްކުވައި ދީފި ކަމަށެވެ.