މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު މަރުވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށާއި ނުރައްކާތެރި ޢަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ޢަމަލުތަކަށް ހިތްވަރު ދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްޞަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި
ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫޙް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މާރާމާރީއަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވާއިރު ނިމުނު ހަފްތާގައި އެކަނިވެސް ވަނީ 4 މާރާމާރީ ހިންގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތައް ލިބިފައެވެ.
ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށެވެ. އޮގަސްޓް 26 ގައި އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި ހިނގި މާރާމާރީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ވިދާޅުނުވާނެ ކަމަށެވެ.