މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގައި ފަސް ކައިވެންޏެއް ކޮށްފިއެވެ.
ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ދިޔަ ކައިވެނި ހަފްލާތަކުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ބްރިޖުގައި ކައިވެނި ކުރި ހުރިހާ މީހުންގެވެސް މިއީ އަލަތު ކައިވެންޏަށްވާއިރު ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯ ނެގުން އަދި ޑެކަރޭޝަންގެ ހަރަދު ކުރީ ސަރުކާރުންނެވެ.
ބްރިޖްމަތީގައި ކައިވެނި ކުރި ދެމަފިރިއަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބްރަޖްގައި ކައިވެނި ކުރަން ނިންމީ ޚާއްސަތަނެއްގައި ކައިވެނި ކުރަން ބޭނުންވާތީ ކަމަށެވެ. މިހަފްލާ ކުރިއަށް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އެމީހުން ބުންޏެވެ.
"އަސްލު ވަރަށް ތާރީހީ ކަމެއް މިއީ. ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް ލިބުނީމަ،" ދެމަފިރިން ބުންޏެވެ.
ބްރިޖް މަތީގައި ކައިވެނި ކުރުމަށް ހައުސިންގ މިނިސްޓްރީ އިން ފޯމް ދޫކުރަން ފެށީ އޮގަސްޓުމަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ފޯމް ދޫކުރަން ފެށިތާ މާގިނައިރެއް ނުވެ 200 އަށް ވުރެ ގިނަ ފޯމް ވަނީ ނަގާފައެވެ. ނަމަވެސް ބްރިޖްގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނީ ފަސް ފަރާތަކަށެވެ. ފުރުސަތު ދިން ގޮތެއް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.