މިސަރުކާރުން ބޮޑެތި ކޮރަޕްޝަނތަކާއި ވައްކަން ހިންގުމުގެ ކުރިން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ. އަތޮޅުގައި ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ބ. ކަމަދޫގައި ރައްޔިތުންނާ ވާހަކަ ދައްކަމުން އަލީ ހުސެއިން ވިދާޅުވީ ޤައުމުގައި ބޮޑެތި ހިޔާނާތާއި ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި ލާއިންސާނީ ހަޑި ހުތުރު އަމަލުތައް ހިންގުމުގެ ކުރިން މި ސަރުކާރުން ކުރި ކަމަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަތުން ކަމަށެވެ.
ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮވެއްޖެނަމަ ޤައުމުގައި ހިނގާ ފަސާދައާއި ވައްކަމާއި ޖަރީމާތަކުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ އިންސާނުން ގެއްލުވާލާ ވާހަކައާއި، އިންސާނުން މަރާ ވާހަކަ ދިވެހި ރައްޔިތުން ދައްކާނެ ކަމަށެވެ. އަދި އެވާހަކަތައް ދައްކަފާނެތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ޤައުމެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެ މުހިންމު އެއް އިންސާނީ ހައްޤަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ މި ސަރުކާރުން ކަމަދޫގައި ނަރުދަމާ ނޭޅި އޮތީ ފައިސާ ނެތިގެން ނޫން ކަމަށެވެ. ޓެކްސްގެ ފައިސާ އިން އެކަން އެ ކަމަދޫ ރައްޔިތުންނަށް ރައީސް ޔާމީން ކޮށްދެއްވާފައިނުވާތީ ރައްޔިތުން އެމަނިކުފާނަށް ވޯޓު އަޅަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
ރައީސް ޔާމީން ކަމަދޫއަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ކަމަދޫ ރައްޔިތުން ރައީސް ޔާމީންއަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއްވެސް ސިޔާސީ މީހަކު މި ކަމަދޫ އަށް އައިސް މި ކަމަދޫގެ ފެނުން ފެންވަރައިފިއްޔާ ލޮލުން ކަރުނަ އަޅާނެ އެ ދުވާ ވަހުން. އަޅުގަނޑުމެން އުޅެން ޖެހޭ ހާލަކީ މިއެއް ނޫން. އަޅުގަނޑުމެން އުޅެން ޖެހޭ ގޮތަކީ މިއެއް ނޫން. އަޅުގަނޑުމެން އުޅެން ޖެހޭނީ މިއަށްވުރެ އުފާވެރިކޮށް" އަލީ ހުސެއިން ވިދާޅުވިއެވެ.