ޖަޒީރާ ރާއްޖޭގެ ނަމުގައި ވެރިކަންކުރުމަށް އަންނަ ބަޔަކަށް ބްރިޖެއް ނޭޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަކީނާ މަންޒިލްގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޖަޒީރާ ވެރިކަމެއްގައި ރަށްރަށުން ނަރުދަމާއެއް ބަނދަރެއް ނަހަދާނެ ކަމަށެވެ. އަދި ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކުމަށް ބޭނުންކުރާ މެނިފެސްޓޯ އެކުލަވާލާފައިވާ މެނިފެސްޓޯގައި ތަރައްޤީގެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރައީސަކު ރައްޔިތުންނަށް ގެނެސްދެއްވާނެ އެންމެ ބޮޑު ހަދިޔާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަންކޮށްދެއްވީ ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުރިހާ ކަމެއް ކުރެއްވުމުން ބްރިޖުގެ އޯނާރޝިޕް ނެގުމަށް އިދިކޮޅު ހަތަރު މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހުޅުވިގެންދިޔަ ބުރިޖުގެ ވާހަކަ ދައްކަނީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން އެކަންޏެއް ނޫން ކަމަށާއި އެވާހަކަ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބްރިޖުގެ މަސައްކަތްތަކާއި ޓެކްނޮލޮޖީގެ ވާހަކަ ދުނިޔޭގެ ތިރީހަށްވުރެ ގިނަ ގައުމުތަކުން ބުރާސްފަތި ދުވަހުގެ ރޭ އެކަނިވެސް ދެއްކި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބްރިޖުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްޤެއް އިދިކޮޅު ލީޑަރުންގެ ނެތް ކަމަށާއި ބުރިޖު އެޅުމުން އެކަމުގެ ކްރެޑިޓް ނަންގަވަން އެބޭފުޅުން އުޅެނީ ފިޑިކަމުން ކަމަށެވެ