ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނުކުރުމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.
ހުވަދޫ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ވާދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ އެގޮތަށް އިލްތިމާސް ކުރެއްވީ ގއ. ކޮލަމާފުށީގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުންނާ ދެމެދު ހަމަނުޖެހުމެއް ހިންގާފައި ވަނިކޮށެވެ.
ވާދޫ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ޕާޓީތަކުން މަސައްކަތް ކުރަންޖެހޭނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކުގައި ކަމަށެވެ. ސަޕޯޓަރުން މަސައްކަތް ކުރަންޖެހޭނީ ވޯޓު ހޯދައި ޕާޓީތަކަށް ތާއިދު ހޯއްދެވުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.
ހުވަދޫއަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ހުވަދޫ އަތޮޅަކީ އާދަޔާ ހިލާފު އަތޮޅެއް ކަމަށެވެ. އެ އަތޮޅުގައި އެކަނިވެސް ރާއްޖޭގެ 20 ޕަސެންޓް ރަށް ހިމެނޭ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ.
އިބޫ ފާހަގަ ކުރެއްވި ގޮތަށް ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ގިނަ ފަޅުރަށްތައް ހިމެނޭ އަތޮޅެވެ. އެ އަތޮޅުގައި އެކަނި ވެސް 200 އެއްހާ ފަޅުރަށް ހިމެނެއެވެ. ޓުއަރިސްޓް ރިސޯޓްތަކާ އެކު، ފަތުރުވެރިކަން ހުވަދޫއަށް ފުޅާވަމުންދާތީ، އިބޫ ވިދާޅުވީ ޖަޒީރާ ރަށްތަކުގެ ބޭނުން ކުރެވޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްދަވާނެ ކަމަށެވެ.
އިބޫ ހުވަދޫ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މެންދުރު ފަހު ވަޑައިގަންނަވާނީ ފަރެސްމާތޮޑާއަށެވެ. އެ އަށް ފަހު ފިޔޯރީއަށާއި ތިނަދޫއަށް ވެސް އެމަނިކުފާނު ހުކުރު ދުވަހު ވަޑައިގަންނަވާނެއެވެ.