ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދޫގެ 18 ރަށަކަށް ކުރައްވާ ދަތުރުފުޅު ގދ. ވާދޫއިން ހުކުރު ދުވަހު ފައްޓަވައިފިއެވެ.
ހުވަދޫ ދަތުރުފުޅަށް ހުކުރު ދުވަހުގެ ހެނދުނު އިބޫ ގދ. ކާޑެއްދޫ އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގދ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ޕާޓީތަކުގެ ސަޕޯޓަރުންނެވެ.
އިބޫ ވާދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުންނާއި އެހެން ޕާޓީތަކުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އިބޫގެ ހުވަދޫ ދަތުރުފުޅުގައި ދެ ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ފަރެސްމާތޮޑާއަށެވެ. އެ އަށް ފަހު ފިޔޯރީއަށާއި ތިނަދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ތިނަދޫއަށް ވަޑައިގަތުމަށް ފަހު ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.
ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އިބޫ ވަޑައިގަންނަވާނީ ދެއްވަދޫ، ކޮލަމާފުށި، ކަނޑުހުޅުދޫ، ގެމަނަފުށި، ގައްދޫ، ކޮނޑޭ، ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި، ރަތަފަންދޫ، ނަޑެއްލާ، މަޑަވެލި އަދި ހޯޑޭއްދޫއަށެވެ.
ހުވަދު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބޫ މާލެ ފުރާވަޑައިގަންނަވާނީ ހޯމަ ދުވަހުގެ ރޭއެވެ.