ތަރައްގީ ގެންނާންޖެހޭނީ ދެފުށް ފެންނަ ގޮތަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ތަރައްގީ ބޭނުންވާ މީހެއްކަމަށެވެ. އަދި ތަރައްގީ ގެނެސްދޭއިރު އެކަމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރެގެން ނުވާނެ ކަމަށާއި ހުރިހާ ކަމެއް ގެންދާންވާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އެއާއެކު ތަރައްގީގެ ސަބަބުން ކުރިއަށް އަންނަން އޮތް ޖީލުގެ ބޮލުގައި ބޮޑު ދަރަނިތައް އެޅުވިގެން ނުވާނެ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
"ތަރައްގީއަކީ ކޮންމެ ގައުމެއްގަ ވެސް ރައްޔިތުން ބޭނުންވާނެ އެއްޗެއް، އާދެ! ދިވެހި ރައްޔިތުންވެސް ތަރައްގީ ބޭނުންވޭ، މުޅި ގައުމަށްވެސް ބޭނުންވޭ، ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްގީ ބޭނުންވޭ، އެހެން ނަމަވެސް ތަރައްގީ ގެންނަނީ އޭގެ ފަހަތުގައި ފޮރުވިފައިވާ އެތައް ކަންތައްތަކެއް އޮންނަ ގޮތަކަށް ނޫން، ތަރައްގީ ގެންނަނީ މުސްތަގްބަލުގެ ޖީލްތަކުގެ ބޮލުގަ އެތައް ލައްކަ ރުފިޔާއެއް އެޅިގެންދާވެސް ގޮތުގައެއް ނޫން. ތަރައްގީ ގައުމުތަކަށް ގެންނަން ޖެހޭނީ، ގެންނަނީ ދެފުށް ފެންނަ ގޮތަށް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ތަރައްގީ ގެންނައިރު އެ ހޭދަކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއި ދައުލަތައް ލިބޭ އާމްދަނީކަން އެގެން ޖެހޭ ކަމަށާއި ހުކުރު ދުވަހުގެ ރޭ ވެސް ސަރުކާރުން 42 މިލިއަން ރުފިޔާ ބޭކާރު ގޮތުގައި އަންދާލުމަކީ ރައްޔިތުންނަށްދިން މެސެޖެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އަކީ ރަންގަޑެއް ކަމަށާއި އެމަނިކުފާނުގެ 25 އަހަރުގެ ސިޔާސީ ދައުރުގައި ޚިޔާނާތުގެ އެއްވެސް ކަންފުޅެއް ނުފެންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މުޅިންވެސް ފެންނަނީ ގައުމަށް ފައިދާހުރި މަސައްކަތްތައް ކުރުމުގައި ޝާމިލްވެ އުޅުއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
މި ގައުމުގެ ހުރިހާ ދިމާއަކަށް ބެލިޔަސް ފެންނަނީ ޚިޔާނާތައި ކޮރަޕްޝަންގެ ކަންތައްތައް ކަމަށާއި، އެއީ ދައްކަން އުފާވާ ވާހަކަފުޅުތަކެއް ނޫންކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ހަމައެކަނި އެމްއެމްޕީއާރްސީގެ ވައްކަމަށް ބެލިނަމަވެސް މިއީ ދިވެހިން މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ސަބަބެއް ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދައުރުގައި ތަރައްގީގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ހިންގި މަޝްރޫއުގެ ސަބަބުން މެލޭޝިއާއަށް ދިމާވި ގޮންޖެހުންތަކާއި މެދު ވިސްނަންޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.