ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅުގައި ރަށްރަށައް ވަޑައިގަތުމަކީ ފުލުހުންނާއި ބެހޭ ކަމެއް ނޫން ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިން އެޖެންޓް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ އަތޮޅު ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ މި އިންތިހާބުގައި ކެމްޕެއިން ކުރުމަށް އިބޫ ވަޑައިގަންނަވާނެ ރަށްތަކާއި، ވަޑައިނުގަންނާނެ ރަށްތަކަށް ކަނޑައަޅާނީ އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ކަމަށެވެ. އިބޫގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުން ކަން ފާހަގަކުރަމުން ހިސާން ވިދާޅުވީ އިބޫ ކޮލަމާފުއްޓަށް ވަޑައިގަންނަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރުމަށް ފުލުހުންނަން ނޭދެވޭނެ ކަމަށެވެ.
ހިސާން ވަނީ ކޮލަމާފުށީގައި ރައީސް ޔާމީނަން ތާއިދު ނެތުމަކީ އިބޫ އެރަށައް ވަޑައިނުގަންނަވަންވީ ސަބަބައްތޯ ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ.

ކޮލަމާފުށްޓަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުވަދު އަތޮޅުގެ 19 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. ކޮލަމާފުއްޓަށް ވަޑައިގަތުން ފަސްކުރުމަށް ފުލުހުން އެދުނީ ކޮލަމާފުށީގައި ބުދަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެންނެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ ރައީސް ޔާމީނަން ވައްކަން ކުރަން އޯކޭ ވިއަސް ދިވެހި ރައްޔިތުންނަން ވައްކަން އެޑްވާންސްކޮށްވެސް އެހެންގޮތަކަށް ވެސް ކުރުމަށް އޯކޭ ނޫން ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބޫގެ ވެރިކަމެއްގައި ކޮރަޕްޝަން ނޯނާންނެ ކަމަށްވެސް ހިސަން ވިދާޅުވިއެވެ.