ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރިމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ވަކީލުންގެ ހާޒިރުވުމަކާއި ނުލަ އެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށްގެންގޮސްފައިވަީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ.
ހައްޔަރުކުރި މީހުންގެ މައްޗަށްކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތު އެވެ. އަދި ހައްޔަރުކުރި މީހުން ތިބީ ވިލިނގިލި ޕޮލިސް ސްޓޭޝަންގައިކަން އެނގިފައިވެއެވެ.
ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ. ކޮލަމާފުއްޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮނިހިރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން ދިދަ ފަތި ދެމުމާއި ބެނާ ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މިކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެފަރާތަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވަނީ އަނިޔާ ލިބިފައެވެ.
އިބޫގެ ދަތުރުފުޅާ ދިމާކޮށް ކޮލަމާފުށީގައި ހަމަނުޖެހުން ހިންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާ އިރު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިތައް ނަގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ އާންމު ވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ މީހުންގެ ވީޑިއޯތައް ފެންނަން ހުރި ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.