ހުޅުމާލެ ފެރީ ދަތުރުތައް މަދުކުރާނީ ދަތުރުތަކަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމު ވިދާޅުވީ، ހުޅުމާލޭ ފެރީއަކީ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި އެހެން ކަމުން ބަދަލެއް ގެނަޔަސް ގެންނާނީ ދަތުރުތަކުގެ ޑިމާންޑަށް އަންނަ ބަދަލުތައް ބެލުމަށް ފަހު ކަމަށެވެ.
ބަރިޖުން ދަތުރުފަތުރު ކުރުމަށް ހުޅުވާލި ނަމަވެސް ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ފެރީގެ ހިދުމަތް ކުރިއަށްގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖުގެ ދަތުރުތައް ސެޕްޓެމްބަރު 07 ވަނަ ދުވަހުން ފެށިގެން ހުޅުވާލާ އިރު ބްރިޖުގައި ދަތުރުކުރުމަށް ފީއެއް ނަގާނެ ކަން މިހާ ހިސާބަށް އައިއިރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓޮލް ސިސްޓަމް ގާއިމުކުރުމަށް ކުރިނަ ވަނީ ނިންމާފައެވެ.
އުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގައި ދަތުރުކުރުމަށް ނަގާނެ އަގު އަދި ކަނޑަނާޅާ ކަމަށާއި ރައްޔިތުންނަށް ތަކްލީފަކަށްވާ އަގެއް ނުނަގާނެ ކަމަށެވެ. ހުރިހާ ފަރާތްތަކަށް ވެސް ދަތުރު ކުރެވޭނެ ފަދަ ގޮތަކަށް އަގުތައް ކަނޑައަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބްރިޖް އާންމުންނަށް ހުޅުވާލުމާ އެކު ކަނޑުމަގުން ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ބެލެވޭ އިރު މިހާރު ބޭނުންކުރާ ފެރީތަކުގެ އަދަދު މަދުކުރަން އެމްޓީސީސީ އަށް މަޖުބޫރުވާނެއެވެ. އަދި މި ކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ނަމަވެސް މިހާތަނަށް އެކަމާ މެދު އަމަލުކުރާނެ ގޮތެއް އެމްޓީސީސީން އިއުލާނުކޮށްފައެއް ނުވެއެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ނިޒާމު ފުޅާކުރުމަށް އެމްޓީސީސީން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ވެއެވެ.