ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގއ. އަތޮޅަށް ކުރައްވަން އުޅުއްވާ ދަތުރުފުޅާ ދިމާކޮށް ބަކި ބަޔަކަށް ޓާގެޓްކޮށްގެން މީހުން ހައްޔަރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގއ. ކޮލަމާފުށިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރުމާ ގުޅިގެން އަސްލަމް ވިދާޅުވީ، އަޑު އިވިގެންދަނީ ހަމައެކަނި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައް ހައްޔަރުކުރާ ވާހަކަ ކަމަށާއި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހޯދަމުންދާ ކަމަށެވެ.
"ބަޔަކު ކަމެއް ކޮށްފިއްޔާ އެކަމެއް ބަލއި ތަހުގީގު ކުރަންޖެހޭނެ. އެހެން ނަމަވެސް ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒްވާ ކަމުގައި ވަނީ ނަމަ އެއީ ބޭއިންސާފުން ހިންގާ ކަމެއް. އެއީ އަޅުގަނޑުމެން ކުރާ ޝަކުވާއަކީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މިފަދަ އަމަލުތަކަކީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ތާއީދު ހޯދުމަށް ކުރާ ކަމެއް ކަމުގައިވާ ނަމަ، ކަންކަން ވެގެންދާނީ އޭގެ އިދިކޮޅަށް ކަމަށާއި މީގެ ސަބަބުން ތާއީދު ކުރިއަށް ވުރެ ވެސް ދަށްވެގެންދާނެ ކަމަށެވެ.
އިބޫގެ ދަތުރުފުޅާ ދިމާކޮށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ އިރު މީގެ ކުރިން ގުޅިފައިވާ ޕާޓީތަކުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަތަކުގަ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުމާލެ އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނަށް ހަމަލާދިނުމަށް މަސައްކަތްކުރި ބަޔަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ދާދި ފަހުން ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ހުޅުމާލޭގައި ބޭއްވި އިވެންޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވައިލި މައްސަލައާ ގުޅިގެން ވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.