މިދުވަސްވަރަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ހައްޖާޖީން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށް ވުމާ އެކު، ހުމާއި ރޯގާ އިތުރުވެދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އްޖަށް ދިޔަ މީހުން އެނބުރި އަންނަ ދުވަސްވަރަކީ އަބަދު ވެސް ހުމާއި ރޯގާ ފެތުރޭ ދުވަސްވަރެއްކަން ފާހަގަ ކުރެވޭ ދުވަސްވަރަކަށްވާތީ އަދި މި ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެހެންކަމުން އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހުން އައިސް ރޯގާ ޖެހިފައިވާ ނަމަ އާންމުން އެއްވާ ތަންތަނަށް ދިއުން މަދުކުރުމާއި ޚާއްސަކޮށް ކުޑަކުދިން އެފަދަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހައްޖުވެރިންނަށް މިމަހުގެ 29 އިން ފެށިގެން އައިޖީއެމްއެޗްގައި ވަނީ ޚާއްސަ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. އެ ކްލިނިކް ހުޅުވާފައި ހުންނާނީ އިރުއޮއްސި 6:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ.
ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭ ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވާ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.