މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާލެ-ހުޅުލެ، ބްރިޖުގެ ޕްރޮޖެކްޓްގެ ފުރަތަމަ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާ އެކު ކުރައްވަން ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.
ޑރ. ވަހީދު ވިދާޅުވި ގޮތުގައި ބްރިޖް މަޝްރޫއު އަސްލަކަށް ހެދުމުގެ ހުރިހާ ތައުރީފެއް ހައްގީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ.
ޑރ. ވަހީދު ވިދާޅުވި ގޮތުގައި ބްރިޖްގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެކެވެ. އެގޮތުން މާލެ-ހުޅުމާލެ ގުޅާލާނެ ގޮތަކާ މެދުކޮށްފައިވާ ޕެލޭނެއްގެ ކުރެހުން ކުރީގެ ރައީސް ނަޝީދު، ހިއްސާ ކުރައްވާފައިވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ނާއިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ.
ރައީސް ވަހީދު ކުރެއްވި ޕޯސްޓަށް ރައްދު ދިން ފަރާތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ބްރިޖުގެ ދެ ކުރެހުމެއް، ނަޝީދު ދެއްކެވި ކަމަށާއި އެތަނުން އެއް ކުރެހުމުގައި ބްރިޖް އަޅާނެ ގޮތް ކަމަށް ދިރާސާކޮށްފައި ވަނީ މިހާރު ވެސް ބްރިޖް އަޅާފައިވާ ގޮތް ކަމަށެވެ. އަދި ދެވަނަ އޮޕްޝަނަކީ މާލެ އާއި ފުނަދޫ އިން ފެށިގެން ހުޅުލެއާ ގުޅާލުން ކަމަށް ޑރ. ވަހީދު ވިދާޅުވެފައި ވެއެވެ.
ރައީސް ވަހީދު އެހެން ވިދާޅުވިޔަސް، ބްރިޖެއް އެޅުމުގެ އެންމެ ފުރަތަމަ ތަސައްވަރެއް ގެންގުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. އެގޮތުން އެމަނިކުފާނު އެކުލަވާލެއްވި ވިހިވިހީގެ ތަސައްވަރުގެ ތެރޭގައި މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅާލުން ހިމެނެއެވެ.
އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖް އަޅާނެ ގޮތުގެ ދިރާސާތަކެއްކޮށް، މާލެ އާއި ހުޅުމާލެ ގުޅާލާނެ ގޮތުގެ ދެ ޕްލޭނެއް އެކުލަވާލާފައި، އެކަމުގެ ކުރެހުންތައް ތައްޔާރުކޮށްފައި ވެއެވެ. އަދި ބްރިޖު އެޅުމާ ބެހޭ ގޮތުން ރަސްމީ ފެންވަރެއްގައި ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ވެއެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ބްރިޖުގެ މަޝްރޫއާ ހަވާލުވެޑައިގެން އެކަމަށް ބޭނުންވާ ބަޖެޓާއި އެ ނޫން ވެސް ކަންކަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޗައިނާ ސަރުކާރާ މަޝްވަރާކުރައްވައި ހަމަޖެއްސެވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ.