ރާއްޖޭ އިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ރީ ރެޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަކީ ފުލުހުންނަށް ފިލައިގެން އުޅޭ ބައެއް ކަމަށް ބުނެ، ރާއްޖޭގައި ބަހައްޓާ ވޯޓް ފޮއްޓަކަށް އަލުން ރީ-ރެޖިސްޓަރ ކުރުމަށް އިލެކްޝަންސް އިން އަންގައިފިއެވެ.
ސްރީ ލަންކާގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ބައެއް ފަރާތްތަކާ ރާއްޖެއިން ގުޅޭނެ ކަމަށް ފޯމްގައި ޖަހާފައިވާ ފޯނު ނަންބަރަކަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ މެސެޖްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓް ފޮއްޓަކަށް އެ މޮބައިލް ނަމްބަރުގައި ރީ-ރެޖިސްޓްރީ ކޮށްފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފިލައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތަކަށް ވާތީ ރާއްޖޭގައި ބަހައްޓާ ވޯޓް ފޮއްޓަކަށް އަލުން ރީ ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
މި މަހުގެ 29ވީ އަންގާރަ ދުވަހުގެ ރޭގެ 23:00 ގެ ކުރިން ރީ-ރެޖިސްޓްރޭޝަން ފޯމް އެ ކޮމިޝަނަށް މެއިލްކުރުމަށް އެ މެސެޖްގައި އެދިފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ލިސްޓްގައި 12 މީހަކު އެބަ އޮތް ކަމަށާއި އެއީ ފުލުހުން ހިއްސާކުރި ލިސްޓެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މި މެސެޖް ފޮނުވާފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި އަދި އެ މުއްދަތުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރު ނުވުމުން ޕާސްޕޯޓް ކެންސަލް ކޮށްފައިވާ ބައެއް ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އެމްޑީޕީ މާލޭ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީނާއި، ސަރުކާރުގެ ކޮރަޕްޝަން އެކުލެވޭ ޑީލްތައް ފަޅާ އަރުވާލުމުގައި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ވިސްލްބްލޯވާއެއް ކަމަށްވާ އަދި އެމެނެސްޓީ އިންޓަނޭޝަނަލް އިން ޟަމީރުގެ ގައިދީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތޮއްޔިބު ޝަހީމް ހިމެނެއެވެ. ރާއްޖޭގައި ބާރުމިނުގައި ފެތުރެމުންދިޔަ އެޗް1އެން1އާ ގުޅޭ ގޮތުން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރޭ ގޮތަށް ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ ތޮއްޔިބު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
މީގެ އިތުރުން ވެސް އެހެން ގައުމުތަކަށް އަމިއްލައަށް އަރުވާލެވިގެން އުޅޭ ގިނަ އަދަދެއްގެ މީހުންނަށް އީސީ އިން ވަނީ އެ މެސެޖް ފޮނުވާފައެވެ. އަދި ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ބާނީ ގާސިމް އިބްރާހީމަށް ވެސް ވޯޓު ލެއްވޭނީ ޖަލު ފޮއްޓަށް ކަމަށް އިލެކްޝަންސް އިން ވަނީ ކަނޑައަޅާފައެވެ.