ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާޢި މޮނީޓަރ ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް ބިޒްނަސް ވިޒާ ދޫކުރާނެ ކަމަށާއި ނަމަވެސް ވިސާ ދޫކުރާނީ އީސީގެ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން ކުރި އިތުރު އިއުލާނެއްގައި ބުނެފައި ވަނީ ބިޒްނަސް ވިސާ ދޫކުރެވޭނީ، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިންތިޚާބު އޮބްޒަރވްކުރުން ނުވަތަ މޮނީޓަރ ކުރުންފަދަ މަސައްކަތެއް ކުރުމަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ޓުއަރިސްޓް ވިސާގައި އެތެރެވެ އިންތިޚާބު ކަވަރކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިންތިޚާބު ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެއަށް އަންނަންވާނީ ބިޒްނަސް ވިސާ އެޕްރޫވްވުމުން ކަމަށާއި، ބިޒްނަސް ވިސާ އެޕްރޫވްވުމުގެ ކުރީން އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އިލެކްޝަންސް 2018 ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 15 ސެޕްޓެމްބަރ 2018 ކަމުގައި ވެސް އެ އިއުލާނުގައި ވެއެވެ.