ސިނަމާލެ ބްރިޖްގައި ދަތުރުތައް ކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގައި މައިގަނޑު ދެ ލޭނެއް އޮތްއިރު އެއް ލޭން ޚާއްސަ ކޮށްފައިވަނީ ސައިކަލްތަކާއި ޕަބްލިކް ޓްރާންސްޕޯޓަށް ކަމަށެވެ. އަނެެއް ލޭން ޚާއްސަ ކޮށްފައިވަނީ ބަރު އުޅަނދުތަކަށެވެ.
މުއިއްޒު ވިދާޅުވީ ބްރިޖުގެ ދަތުރު ތަކާއެކު އެމްޕީއެލްގެ ބަސް ދަތުރުތައްވެސް ފަށާނެކަމަށެެވެ. ބްރިޖުގައި ދުއްވާ ބަސްތައް މާލެ ގެނެސް ތައްޔާރު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަދި ނަގާނެ ފީއެއް ކަނޑައަޅާފައި ނުވާކަމަށާއި ރައްޔިތުންނަށް ތަކުލީފަކަށް ވާވަރަށް ފީތައް ބޮޑު ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ބަސް ދުއްވުމަށް ތައްޔާރުވަމުން މިދަނީ. މިހާރު ވަނީ ބަސް ޓަރމިނަލް އަޅައި ނިންމާ، ތައްޔާރީތައް ނިމުމަކާއި ހަމައަށް އައިސްފައި. އެހެންވީމަ ބަސްތައްވެސް ރެޑީވެފައި ވަނީ. އެމްޕީއެލްގެ އިވެންޓެއްވެސް މީގެ ތެރޭގައި އޮވޭ. އެމްޕީއެލްއިން މިހާރު ވަނީ ބަސް ޓަރމިނަލް އަޅާ ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.
މުއިއްޒު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބްރިޖް ހުޅުވުމަށްފަހު އޭގެ އަނެއް ދުވަހާއި އަންނަ މަހުގެ ފުރަތަމަ ފަސް ދުވަހު ބްރިޖް ހުޅުވުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ރޭ 8:30 އިން ފެށިގެންނެވެ. މުއިއްޒު ވިދާޅުވީ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޚާއްސަ މަންދޫބެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ދައުވަތު އެރުވިފައިވާ ފަރާތްތަކަށާއި އާންމުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައާއި ކާނިވާ ސަރަހައްދުގައެވެ. ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވާއިރު އެ ރަސްމިއްޔާތުގެ ޚަރަދުތައް ކުރަން ހަމަޖެހިފައިވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކަމަށާއި އެކަމަށް މާ ބޮޑު ޚަރަދެއް ނުހިނގާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި އިވެންޓަކީ ވަރަށް ބޮޑަށް ސީއެސްއާރު އިވެންޓެއް އިނގޭތޯ. ވަރަށް ބޮޑު ތަނުން ސީއެސްއާރު އިވެންޓެއް. އެހެން ވީމަ އަޅުގަނޑުމެން ފަހުން އަދަދުތައް ދަންނަވާލާނަން. މި ކަހަލަ އިވެންޓަކަށް ދާނެ ޚަރަދުތަކަށް ބަލާއިރު ޚަރަދު އެހާ ބޮޑެއް ނުވާނެ. ވަރަށް ބޮޑަށް މީގަ ހިލޭ އެހީ ހިމެނޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބްރިޖް ހުޅުވާއިރު "ފަޔަރ ވޯކްސް" ގެ ހަރަކާތްތައް އޮންނާނެ ކަމަށާއި އެކަންތައްތަކާއި ހަވާލުވެ ތިބީ ސިފައިންކަމަށެވެ.