ޕްރޮގްރެސިވް ޕާޓީ އޮޕް މޯލްޑިވްސް (ޕީޕީއެމް) ކެމްޕޭން އޮފީހުން މުހައްމަދު ގަސަމް އާ އެއްވެސް މުއާމަލާތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ބުނެފައިވަނީ ގަސަމް އަށް ގުޅާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ހަތް މޯބައިލް ނަމްބަރަކީ ގ. ދަ ލާސްޓް އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ ނަމުގައި ނަގަފައިވާ ސިމްތަކެއްކަން އެގެން އޮންނާތީ، ޕީޕީއެމް ކެމްޕޭން އޮފީހުން ގަސަމް އާއި އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކަން އެންގެން ނެތް ކަމަށެވެ. އަދި އީސީގެ ފަރާތުން ރީ ރެޖިސްޓްރޭޝަން ފޯމްތަކުގައިވާ މައުލޫމާތު ޕީޕީއެމް ކެމްޕޭން އޮފީހާއި ހިއްސާކޮށްފައިވާކަން އެނގޭނެ ހެއްކެއް ގަރީނާއެއް ނެތް ކަމަށްވެސް އެ ބިއުރޯއިން ބުނެފައިވެއެވެ.
ގަސަމް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބް 2018 އާ ގުޅިގެން ސްރީލަންކާގެ ވެރިރަށް ކޮޅުނުބުގައި ރީ ރަޖިސްޓްރީ ކުރި ގިނަ އަދަދެއްގެ ފަރާތްތަކެއްގެ ރީ ރަޖިސްޓްރޭޝަން ފޯމް ތަކުގައި ގަސަމްގެ މޮބައިލް ނަމްބަރު ޖަހާފައި ވަނިކޮށް، ރައީސް ޔާމީން ކެމްޕޭން އޮފީހުން ކަމަށްބުނެ މޯބައިލް ނަމްބަރު ތަކަކުން ގުޅަމުންދާތީ ފޯމް ތަކުގެ މައުލޫމަތުތަކަކީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ މައުލޫމަތު ތަކަކަށްވާއިރު އިލެކްޝަންސް ކޮމިޝަންގައިވާ ރައްޔިތުންގެ ސިއްރު މައުލޫމާތު ރައީސް ޔާމީންގެ ކެމްޕޭން އޮފީހާއި ހިއްސާކޮށްފައިވާ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.