ރައީސް ޔާމީންގެ ބަހުގެ މަހަލާތައް އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްފިއެވެ.
ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިލް އިބްރާހިމް އާއި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މި ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީނާއި މި ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު މަލީހު ޖަމާލަށް ބަހުގެ ހަމަލާތަކަށް އަމާޒުކޮށްފައެވެ.
ރައީސް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާސިމާއި ޖަމީލު ވެސް ހައްޔަރުކޮށްފައިވަ ކަމަށެވެ. އަދި ގާސިމް އެކަންކަން މިހާރު ހަނދާން ނެތިފައިވާ ކަމަށެވެ.
"މިކަން ގާސިމް މިހާރު ހަނދާނެއް ވެސް ނުހުރޭ. އެކަމަކު ވެރިކަން ވެސް ބޭނުންވޭ. ހަނދާނެއް ނުހުރޭ މިކަންކަން ވިކަމެއް ވެސް. ގާނޫނު އަސާސީގެ ޝަރުތުތަކަށް ބަލާކަމުގައި ވަނީ ނަމަ ވެރިކަމަށް އަންނަން ޝަރުތު ހަމަވާނެ ހެނެއް ހިޔެއް ނުވޭ. ހަމައެކަނި އުމުރު ހަމަވުމުގެ ސަބަބުންނެއް ނޫން. އެހާ ހަނދާން ބަލިވީމަ ކުރިން ހިނގާފައިވާ ކަންކަން ހަނދާނެއް ނުހުރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖަމީލަށް ވެސް އެމްޑީޕީން ކުރިން ތަފާތު ނަންނަން ކިޔަމުންދިޔަ ކަމަށެވެ.
"ޖަމީލް ވެސް ކިތައް ފަހަރު ހައްޔަރުކުރި. އެކަމަކު ޖަމީލަށް އެ މީހުން ކިޔާނީ އެއްކަލަ ލަގަބު ލާފަނޫންތޯ. އެމީހުން ނުކިޔާނެ ޑރ. ޖަމީލެއް. އެމީހުން ކޮންމެވެސް ކަހަލަ ޑެޒާޓެއްގެ ނަން ކިޔާފަ ދެން ކިޔާނީ ޖަމީލުގެ ނަން. ޖަމީލު މިއަދު ހަނދާނެއް ނުހުރޭ އެވާހަކަތަކެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ސަރުކާރުގައި ކޮށްފައިވާ ކަންކަން ކިޔާދިނުމަށްޓަކައި މަލީހާއި އަމީން ރައްޔިތުންގެ ކުރިމައްޗަށް ކުލަ ޗާޓްތަކާ އެކު އޭރު ނުކުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު މަލީހާއި އަމީން ގެންގުޅޭ ޗާޓް އޮތީ ކޮންތާކުތޯ އެބަޖެހޭ އެމްޑީޕީ މީހުން އަހާލަން. ތިމަންނަމެން އެންމެ ބޮޑަށް ފަލީހަތް ކުރި ދެ މީހުންނަކީ ކަލޭމެން ނޫންހެއްޔޭ. އެހެންވީމަ ކިތަންމެ ވަރަކަށް އެމީހުންގެ އޮޑިއަށް އެރިޔަސް އެމީހުންނަށް ދިޔަ ހިއްކާލާނެ ފައި ވެސް ނުލިބޭނެ. އެ ހާލުގައި އެ މީހުން އެ ތިބީ. އެހެންވީމަ އެކޮޅަކަށް ވެސް ލައްވައެއްނުލި. މިކޮޅަކަށް ވެސް ލައްވައެއް ނުލި، ޔޫރަޕަށް ވެސް ލައްވައެއް ނުލި. އިންޑިއާއަކަށް ވެސް ލައްވައެއް ނުލި. ފަހަރެއްގައި ވެދާނެ ރަށް މެދަށް ކަމަށް ވެސް. އެހެން ނަމަވެސް ބަލައި ގަންނާނެ ހަމަ އެއްބަޔަކު ވެސް ނުވި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ މިބޭފުޅުންގެ ހާލު ހުރި ގޮތް ކަމަށާއި އެމްޑީޕީގެ ސަރުކާރުން ހެދި އެންމެ ބޮޑު ގޯހަކީ އެއަރޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލުން ކަމަށެވެ.