ރައީސް އަބްދުﷲ ޔާމީން، ނ. ވެލިދޫއަށް ވަޑައިގެން ވަގުތު ބަނދަރުމަތީގައި ހުރެ ވަގަށް ގޮވި ކަމަށް ބުނެ ޒުވާނަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފިއެވެ.
ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނަނީ ހަސަން އިބްރާހީމް، ޝެރިން، 25އ. އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ހަސަން ބުނީ ފަޅުގައި އޮތް ބޮއްކުރައެއް ދިޔަ ހިއްކަން ދަނިކޮށް އޭނާ ހުއްޓުވައި މޫނަށް ޕެޕަރ ސްޕްރޭޖެހުމަށް ފަހު ވައްޓާލައި ދަމާފައި ހަރުގެތައް ހުންނަ ސަރަހަށްދަށް ގެންދިޔަ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ 11:30 ހާއިރު އެ ރަށު ދެކުނު ފަރާތުގައި ހަރުގެތައް ހަދާފައި ހުންނަ ސަރަހައްދުގައި އޭނާ ވެއްޓިފައި އޮއްވާ މީހަކަށް ފެނިގެން އެތަނަށް މީހުން އެއްކޮށް އޭނާ ހޮސްފިޓަލަށް ގެންދަން އުޅުމުން، ފުހުންގެ ޖިޕް އައިސް އޭނާ ޖިޕަށް އަރުވައިގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށް ހަސަން ބުންޏެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފޭސްބުކްގައި ސަރުކާރަށް އެއްޗެހި ކިޔައި ސިޔާސީ ސްޓޭޓަސް ލިޔެ، "ރައީސް ޔާމީނަށް ވަގަށް" ގޮވާފައި ވާތީ ކަމަށް ހަސަން ވަނީ ބުނެފައެވެ.
ފުލުހުން އޭނާ ދުއްކޮށްލާފައި ވަނީ 3:45 ހާއިރު ކަމަށާއި ދޫކޮށްލުމުގެ ކުރިން ހޮސްޕިޓަލަށް ގޮސް މެޑިކަލް ޓެސްޓް ނުހެދުމަށް ފުލުހުން އިންޒާރު ދިން ކަމަށް ހަސަން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރައީސް ވަޑައިގެންނެވި ވަގުތު ބަނދަރުގެ އެއް ފަރާތުގައި ތިބި އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު "ވަގަށް" ގޮވި ކަމަށް ބުނެ ހަސަންގެ އިތުރުން ވެސް ދެ ޒުވާނަކު ވަނީ އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ފަހުން ދޫކޮށްލާފައެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން ވެލިދޫގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރ އަޖްވަދު ހުސެއިން ވިދާޅުވީ ރައީސް ވަޑައިގެންނެވުމުގެ ކުރިން ގުޅިފައިވާ ޕާޓީތަކުން ބޭނުންކުރި ބެނާތަކާއި، އެމްޑީޕީގެ ދިދަތައް ކޯޓު އަމުރުތަކަކާ އެކު ނަގާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި "އެޑްވާންސްކޮށް ވައްކަންކުރާ ވެރިއެއް ބޭނުމެއް ނޫން" ކަމަށް ލިޔެފައިވާ ބެނާއެއް ވެސް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.
ބަނދަރު ސަރައްދުގައި ހުރި ފިހާރަތަކާއި ކެފޭތައް ވެސް ބަންދުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.